ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް މަރުހަބާ ކިޔަން ފުވައްމުލަކު އަދާލަތު އުފެއްދި ބޭފުޅުން ފެހި ކުލައިގެ ޓީޝާޓުގައި ނިކުތުން އަދާލަތު ޕާޓީން އެކަން ކުށްވެރި ކޮށްފިއެވެ.

މުއިއްޒަށް މަރުހަބާ ކިޔުމަށް ފެހި ޓީޝާޓުގައި ފުވައްމުލަކުން ނުކުމެފައިވަނީ އަދާލަތު ޕާޓީ ވުޖޫދުވިއިރު އެ ޕާޓީއާ ގުޅުނު ފުވައްމުލަކު އިސް، ފައުންޑިން މެންބަރުންތަކެވެ. އެމީހުން މުއިއްޒަށް މަރުހަބާ ދަންނަވަން ނުކުތީ މިހާރު އޮތް އާދަލަތު ޕާޓީއަށް ތާއިދު ނުކުރާކަން ހާމަކުރުމަށެވެ.

މިކަމާ ކަންބޮޑުވުން ފާޅު ކުރައްވައި، އަލީ ނަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑރ. މުއިއްޒުގެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ކުލަ ބޭނުންކުރާކަން ފާހަގަކުރެވިފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަމަކީ އިންތިހާބާ ބެހޭ އާންމު ގާނޫނުގެ ދަށުން މަނާކަމަކަށްވާތީ އެކަން ހުއްޓުވަން އިލެކްޝަންސް ކޮމިޝަނަށް ގޮވާލާ ކަމަށްވެސް އަލީ ނަޒީރު ވަނީ ވިދާޅުވެފައެވެ.

"ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒުގެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ކުލަ ބޭނުންކުރާކަން ފާހަގަ ކުރެވިފައި ވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިކަމަކީ އިންތިހާބާ ބެހޭ އާންމު ގާނޫނުގެ ދަށުން މަނާކަމެއްކަމަށް ވާތީ މިކަން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލަން،"
އަލީ ނަޒީރު

މުއިއްޒުގެ ސިޔާސީ ހަޔާތް ފެއްޓެވި އަދާލަތު ޕާޓީ މިވަގުތު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާ އެކު ކޯލިޝަނުގައެވެ. ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ރައީސްސާލިހާއެކު ކެމްޕޭނު ކުރައްވަމުންނެވެ. އެހެންނަމަވެސް ރަށްރަށުގައި ތިއްބެވި އަދާލަތުގެ މެމެމްބަރުން ތާއީދު ކުރައްވަނީ، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒަށެވެ.