ޒިމްބާބުވޭގެ ރައީސް އެމަރސަން މަންގަގްވާ އެގައުމުގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބް ކާމިޔާބު ކުރައްވައި ދެވަނަ ދައުރެއް ކަށަވަރު ކުރައްވައިފިއެވެ.

ޒިމްބާބުވޭ އިލެކްޓޯރަލް ކޮމިޝަން (ޒެކް) އިން ރޭ ދަންވަރު އިއުލާންކުރި ރަސްމީ ނަތީޖާތަކުން ދައްކާ ގޮތުން މަންގަގްވާއަށް 52.6 ޕަސެންޓް ވޯޓު ލިބުނުއިރު އިދިކޮޅޮ ލީޑަރު ނެލްސަން ޗަމިސާއަށް ލިބުނީ 44 ޕަސެންޓެވެ.

އިދިކޮޅު ލީޑަރު ނެލްސަންގެ ޕާޓީއިން ބުނީ ރައީސް މަންގަގްވާ އިންތިހާބަށް ނުފޫޒު ފޯރުވާ ނަތީޖާ އޮޅުވާލާފައިވާ ކަމަށެވެ. އިލެކްޓޯރަލް ކޮމިޝަނުން ނަތީޖާ އިއުލާން ކޮށްފައި ވަނީ، ނަތީޖާ އިއުލާން ކުރަން ޖެހޭ ވަގުތަށްވުރެ އެތައް ވަގުތެއް ފަހުންނެވެ. ނަތީޖާ އިއުލާން ކުރުން ލަސްވުމުން އިދިކޮޅު ޕާޓީގެ ސަޕޯޓަރުން ވަނީ ސަރުކާރުގެ ބައެއް އިމާރާތްތަކަށް ކަޅުތެޔޮ ޖަހައި އެކިވަރުގެ ހަމަނުޖެހުންތައް ހިންގާފައެވެ.

2017 ވަނަ އަހަރު ސިފައިންގެ ބަޣާވާތަކަށް ފަހު ގިނަ ދުވަސްވީ ލީޑަރު ރޮބަޓް މުގާބޭގެ އަތުން ވެރިކަން އަތުލެއްވި ހަރުކަށި ލީޑަރި މަންގަގްވާ މަކަރާއި ހީލަތުން މިފަހަރުގެ ރިޔާސީ އިންތިހާބު ކުރައްވާނެކަމަށް އިދިކޮޅު ފަރާތްތަކުން ދިޔައީ އިންތިހާބުގެ ކުރިންވެސް ތުހުމަތު ކުރަމުންނެވެ.

މިއިންތިހާބުގައި މިނިވަންކަމާއެކު ވޯޓް ލުމުގެ ހައްގު ރައްޔިތުންނަށް ނެތްކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަން އާއި އެފްރިކާގެ ބޮޑެތި ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.