ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިއްޖެކަމަށް އެމަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ މިހާރު ތާރު އެޅުމުގެ މަސައްކަތް ވަނީ ނިމިފައިކަމަށެވެ. އަދި މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ 70 ޕަސެންޓް މަސައްކަތްވެސް ނިމިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 32,821 އަކަ މީޓަރުގެ ދުއްވާ ސަރަހައްދު ހެދުމާއި، 11,736 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، 16,950 މީޓަރުގެ ކަރބްސްޓޯން ޖެހުމާއި، އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމާއި، މަގުމަތީ ސައިން ބޯޑު ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، 2,568 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި، ބަނދަރު މަގުގެ ވޭރިއޭޝަން މަސައްކަތްތައް ހިމެނެއެވެ.

މި މަޝްރޫއަކީ 73.83 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން މި މަސް ނިމެންވާއިރަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.