ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން އިންތިޒާމުކޮށް ބާއްވާ ރިޔާސީ ބަހުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިހް ބައިވެރިވެވަޑައިގަންނަވަން ނިންމަވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހްގެ ކެމްޕޭން ތަރުޖަމާނު ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވަނީ އެކަން ކަށަވަރުކޮށްދެއްވައިފައެވެ.

މީގެއިތުރުން ވިދާޅުވީ ރިޔާސީ ބަހުސްގައި ރައީސް ސާލިހް ބައިވެރިވެވަޑައިގަންނަވަނީ އިލްމީ ބަހުސަކަށް ވާތީކަމަށާއި އެތަނުގައި ބަހުސްކުރައްވާނީ ދިރާސާތައްކޮށްގެން ޕޮލިސީތަކާ ގުޅޭ ގޮތުން ކަމަށްވާތީ ކަމަށެވެ. އެހެން ނަމަވެސް ވަކިވަކި މީޑިއާތަކުން ބާއްވާ ބަހުސްތަކުގައި ރައީސް ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ޕީއެސްއެމްއާއި ގައުމީ ޔުނިވަސިޓީ ގުޅިގެން ބާއްވާ ރިޔާސީ ބަހުސް އޮންނާނެ ސެޕްޓެމްބަރު 01 ވަނަ ދުވަހުގެރޭ 21:00 ގައެވެ.