ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އުފަން އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އއ. ދިއްދއަށް ވަޑައިގެން މަންމާފުޅު ފަސްދާނުލެވުނުތަނަށް ޒިޔާރަތްކުރައްވައިފިއެވެ.
އެމަނިކުފާނު އުފަންވި ރަށް ދިއްދޫ ވަޑައިގަތުމަށްފަހު ގާސިމްވަނީ އެމަނިކުފާނުގެ މަންމާފުޅު ފަސްދާނުލެވިފައިވާ ތަނަށް ވަޑައިގަން މަންމާފުޅުގެ މަހާނައަށް ޒިޔާރަތްކުރައްވާ މަންމާފުޅަށް އެމަނިކުފާނުު ހެޔޮ ދުއާކުރައްވާފައެވެ.
ދިއްދޫ ރައްޔިތުންނާއި މުހާތަބްކުރައްވާ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އުފަންވި ރަށަށް އަދި މަންމާފުޅުގެ ރަށަށް އައުމުން އުފާވެރި އިހުސާސްތަކެއް ކުރެވޭ ކަމަށެވެ. އަދި އެމަނިކުފާނު އުފަންވެ މަންމާފުޅު ނިޔާވުމާއި ހަމައަށް ދިއްދޫގައި ދިރިއުޅުއްވި ކަމަށާއި މަންމާފުޅު ނިޔާވުމުން މާމާފުޅު އައިސް އެމަނިކުފާނު މާމިގިއްޔަށް ގެންދެވީ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ މިނިވަންކަމާއި ޤައުމުގެ އިސްތިގްލާލް ހިމާޔަތްކުރުމަކީ ހުރިހާ ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމަށާ އަދި އިންޑިއާ އާއި ގާތްގުޅުން ކެނޑިގެން ދާން އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެކަމަށާއި ނަމަވެސް އިންޑިއާގެ އަޅުވެތިކަމަށް ދިއުމަކީ ނުރައްކާތެރި ނިކަމެތި ހާލަތެއް ކަމަށާއި އެހާލަތަށް ގައުމު ގެންދިޔައީ ގައުމުގެ ވެރިންގެ ގައްދާރުވުމުން ކަމަށެވެ.
މިހާލަތުން އަރައިގަތުމަށް ހުރިހާ ރައްޔިތުން އެކީ މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.