ރިޔާސީ ކެމްޕޭންގައި ވަގުތު އޮތް ގޮތުން ރާއްޖޭގެ ހުރިހާ ރަށަކަށް ނުދެވުނު ކަމުގައި ވިޔަސް، ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ، މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަން އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ ރަށަކަށް، ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު، ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭންގައި ހުވަދު އަތޮޅު ދެކުނުބުރީ ނަޑެއްލާއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނަޑެއްލާ ރައްޔިތުންނާ ބައްދަލުކުރައްވައި، މުއިއްޒު ވިދާޅުވީ އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވަން ބޭނުންފުޅުވިކަމަށެވެ. އެހެން ނަމަވެސް ވަގުތު އޮތް ގޮތުން ކެމްޕޭންގައި ހުރިހާ ރަށަކަށް ވަޑައިނުގެންނެވިދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ ހުރިހާ ރަށަކަށް އަޅުގަނޑަށް ނުދެވިދާނެއޭ. އެހެން ނަމަވެސް ހުރިހާ ރަށެއްގެ ރައްޔިތުންނަށް ދެއްވަން އޮތް ޔަގީން ކަމަކީ އަޅުގަނޑުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން އެއްވެސް ތަފާތު ކުރުމެއް ނެތި ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށް ކޮށްދެއްވާނަމޭ،"
ޑރ މުހައްމަދު މުއިއްޒު

މުއިއްޒު ވަނީ ނަޑެއްލާގެ ރައްޔިތުންނަށް އުފާވެރި ހަބަރުތަކަކާއި އުންމީދުން ފުރިގެންވާ ވައުދުތަކެއް ވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ނަޑެއްލާ ކައިރީގައި ހުރި ފަޅުރަށްތައް ރިސޯޓުތަކަށް ބަދަލުކޮށް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ނަޑެއްލާގެ ރައްޔިތުންނަށް ދެއްވާފައެވެ.

ނަޑެއްލާއަށް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް:

  • ސިއްހީ މަރުކަޒަށް ވޯޑެއް އިތުރުކޮށް މުވައްޒިފުން އިތުރު ކޮށްދޭނަން
  • ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ތަަރައްގީ ކުރާނަން
  • ބަނދަރުގެ ބޮޑުކޮށް ބޮޑުހިލަ ޖަހާ ޒަމާނީ ބަނދަރެއް ތަރައްގީ ކުރާނަން
  • ސްކޫލަށް ބޭނުންވާ ޖާގައިގެ ދަތިކަން ހައްލުކޮށް ހެޔޮ ބަދަލުތަކެއް ގެންނާނަން

އެހެން ހުރިހާ ޖަލްސާތަކާއި ބައްދަލުވުންތަކާއި ވާހަކަފުޅުތަކުގައިވެސް ފާހަގަކުރައްވައި ވިދާޅުވާ ފަދައިން މިބައްދަލުުމުގައިވެސް ރައީސް ޔާމީން މިނިވަންކޮށް އެމަނިކުފާނު ޕީޕީއެމް، ޕީއެންސީގެ ސަޕޯޓަރުންނާ ހަމައަށް ގެންނަވާނެކަމުގެ ޔަގީންކަން މުއިއްޒުވަނީ ދެއްވާފައެވެ.