ވޯޓު ދެއްވުމުގައި ރައްޔިތުން ފުންކޮށް ވިސްނާވަޑައިގަންނަވަން ޖެހޭ ކަމަށާއި ވައުދުވެފައި ވައުދުފުއްދީ އަދި ކަމެއްކޮށްދޭން އުޅެނީ ކޮންބައެއްތޯ ދެނެގަންނަން ޖެހޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ރިޔާސީ ކެމްޕެއިނުގައި މިއަދު ތ. ދިޔަމިގިލީ އެމްޑީޕީއަށް ތާއީދުކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ. ދިޔަމިގިލީ ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގެ ތެރޭގައި، ރައީސް ވިދާޅުވީ މިހައިތަނަށްވެސް ރައްޔިތުންނަށް ކަމެއް ކޮށްދިނީ ކޮންބައެއްތޯ ވިސްނަން ޖެހޭނެ ކަމަށާއި، ކެންޑިޑޭޓުން ވާ ވައުދުތައް ރައްޔިތުން ރަނގަަޅަށް ދިރާސާކުރަން ޖެހޭނެ ކަމަށާއި ވައުދުވެފައި އަދި ވައުދު ފުއްދާފައިވަނީ ކޮން ބައެއްކަން ބަލަންވާނެކަމަށެވެ.

ދިޔަމިގިއްޔަށް ފުލެޓު ނޫނީ ރޯހައުސް ހައްދަވައިދެއްވާނެ ކަމަށާއި ޒަމާނީ ފެންވަރަށް ތާރު އަޅައި، ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ހާއްސަކޮށް ދިހަ ޓަނުގެ އައިސްޕްލާންޓެއްވެސް ބަހައްޓަވައިދެއްވާނެކަމަށާއި އަދިވެސް ދިޔަމިގިއްޔަށް ކޮށްދެއްވާނެ އެހެނިހެން ކަންތައްތަކަށް ވައުދުވެވަޑައިގެންނެވުމަށްފަހު ރައީސް ސާލިހު ވަނީ މާޒީގައި ކަންތައް ވެފައިވާ ގޮތުގެ ވާހަކަދައްކަވާފައެވެ.

ރައްޔިތުން ކުރިމައްޗަށް ކެންޑިޑޭޓުން ގެންނަވާ ކަންތައްތަކާމެދު ވިސްނުމަށާއި، ސެޕްޓެމްބަރު ނުވަވަނަ ދުވަހުގެ ވޯޓު ދިނުމުގައި ރައްޔިތުން ވިސްނައި ފިކުރުކުރަން ޖެހޭ އެތައް ކަމެއް ހުރިކަން ފާހަގަކުރައްވާފައެވެ.

"ތިބޭފުޅުން ވަރަށް ފުންކޮށް ވިސްނަވަންވާނެ 9 އެއް ސެޕްޓެމްބަރުގައި ވޯޓުދެއްވުމުގެ ކުރިން، ކެންޑިޑޭޓުން ތިޔަ ބޭފުޅުން ކުރިމައްޗަށް ވަޑައިގެން ވާވައުދުތަކާއި އެހުށަހަޅުއްވާ ކަންތައްތައް އެއި އަޅުގަނދުޑުމެން ކޮންމެ މީހަކު ދިރާސާކޮށް ބަލަން ޖެހޭނެ ކަމެއް، ހަގީގަތުގައި ކަމެއް ކުރަން މިއުޅެނީ ކޮންބައެއްތޯ، ކޮށްފަ އޮތީ ބައެއްތޯ، ވައުދު ވެފަ، ވައުދު ފުއްދާފަ އޮތީ ކޮންބައެއްތޯ، މިއީ ތިބޭފުޅުން ވިސްނާ ވަޑައިގަންނަވަން ޖެހޭނެ ކަމެއް. ހަމަގައިމުވެސް 2013 އިން އަދި އޭގެ ކުރިއަށްގޮސް ތިބޭފުޅުން ބެއްލެވިނަމަވެސް 2018 އާ ހިސާބަށް އެދޭތެރޭގައި ސަރުކާރުތަކުން ވީވައުދުތަކާއި ފުއްދުނު ވަރާއި، 2018އިން މިއަދާ ހިސާބަށް މިއޮތް ސަރުކާރުން ވީ ވައުދުތަކާއި މަސައްކަތް ކޮށްފަ އޮތްގޮތް ތިބޭފުޅުން ވަރަށް ގާތުން ބައްލަވަންވާނެ. ހަމަޔަގީނުންވެސް އަޅުގަނޑަށް ދަންނަވަން ކެރޭނެ، މިވޭތުވެދިޔަ ތަނުގައި މިރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް މިއިން ދުވަހަކު ނުހިނގާވަރަށް މިދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި ހިނގާފައިވާނެ."
ރައީސް ސާލިހު

ރައީސް ސާލިހު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ރާއްޖެއަށް މީގެ ކުރިން ދުވަަހަކުވެސް ގެނެވިފައި ނުވާވަރުގެ ތަރައްގީއާއި ކުރިއެރުން ގެނެސްދެއްވިފައިވާކަން ޔަގީންކަމަށެވެ. މިވޭތުވެދިޔަ ތަނުގައި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް މިއިން ދުވަހަކު ނުހިނގާވަރަށް މިދިޔަ ފަސްއަހަރު ތެރޭގައި ހިނގާފައިވާ ކަމަށާއި އެއީ ފެނާއި ނަރުދަމާ ކަމަށްވިޔަސް ބަނދަރުކަމަށް ވިޔަސް، ކަރަންޓު ކަމަށްވިޔަސް، އަދި ސިއްހީކަމެއްކަމުގައި ވިޔަސް ނުވަތަ ތައުލީމީ ކަމެއް ކަމަށްވިޔަސް، އެތަރައްގީ ގެނެވިފައިވަނީ މިފަސް އަހަރު ދުވަހުގެ ތެރޭގައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މި ރަށަށް ވެސް ވައުދުތަކެއް ވިން. އަޅުގަނޑުމެން މިދަނީ އެ ވައުދުތައް ފުއްދައިދެމުން. ޔަގީންކުރައްވާ، ހުރިހާ ވައުދެއް އަޅުގަނޑުމެންގެ މި ދައުރުގައި ފުއްދައިދޭނަން،" ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދުތަކަކީ ޔަގީންކަމާއެކު ފުއްދަވާނެ ވައުދުތަކެއް ކަމަށެވެ.