މިސަރުކާރުން ތަރައްގީގައި ގދ. މަޑަވެލި ބާކީ ކުރި ކުރުން މަޑަވެލި ރައްޔިތުން ވޯޓުން ދައްކާނެ ކަމަށް މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި މަޑަވެލީގައި އޮތް ޖަލްސާގައި ވަހަކަ ދައްކަވަމުން މުއާޒު ވިދާޅުވީ ފާއިތުވެދިޔަ ސަރުކާރުތަކުން މަޑަވެއްޔާ މެދު ދެކުނު ގޮތް ބަދަލުކޮށް ތަރައްގީގެ ކުލަވަރު ގެނެސްދެއްވީ ރައީސް ޔާމީން ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި މަޑަވެއްޔަށް ގެނައި ތަރައްގީ ފިޔަވައި ތަރައްގީގެ އެހެން މަޝްރޫއެއް މަޑަވެލީގައި ނިމިފައި ނެތްކަމަށް މުއާޒު ވިދާޅުވިއެވެ.

މަޑަވެލީގެ ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގައި މުއާޒު ވިދާޅުވީ މުއިއްޒަކީ ޓެސްޓް ކުރެވި މުޅި ރާއްޖެއަށް ތަރައްގީގެ ރަން ޒަމާން ގެނައި ދުވަސްވަރު އެކަންކަމުގެ އެންމެބޮޑު އެއް މޭސްތިރިޔާކަމަށެވެ. ރިޔާސީ ރޭހުގައި ކުރިމަތިލާފައިވާ ބޭފުޅުންނަށް ބަލާލުމުން، ގައުމު ތަރައްގީއަށް އެދިއެދި އޮތް މިދަނޑިވަޅުގައި ޑރ މުއިއްޒު ނޫން މީހަކަށް މިގައުމު ތަރައްގީ ނުކުރެވޭނެކަން ހާމަވާކަމަށެވެ.

"މަޑަވެލީގެ ރައްޔިތުންނަށް މި ސަރުކާރުން ވީ އިހުމާލު އަޅުގަނޑުމެން ދައްކާނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އޮންނަ ވޯޓުން. އިރާދަ ކުރެއްވިއްޔާ ބޮޑު ތަނުން އަޅުގަނޑުމެން މިސަރުކާރު ބަލި ކުރާނަން،" މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު
މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު

ޑރ މުއިއްޒަކީ ތަރައްގީގެ ވިސްނުން ގެންގުޅުއްވާ ރައީސް ޔާމީންގެ ލަފަޔާއި އިރުޝާދުގެ މަތީން މަސައްކަތް ކުރައްވާ ލީޑަރެއް ކަމަށް މުއާޒު ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކޮށް ރައީސް ޔާމީން މިނިވަން ކުރައްވާނެކަމީ ޑރ މުއިއްޒުގެ އެންމެ ބޮޑު ވައުދަށް ވުމަކީ މުޅި ޕީޕީއެމް، ޕީއެންސީގެ މެމްބަރުންނަށް ލިބޭ އެންމެ ބޮޑު އުފާކަމަށްވެސް މުއާޒު ވިދާޅުވިއެވެ.