ފުވައްމުލަކަށް ވަޑައިގެން ރިޔާސީކެންޑިޑޭޓް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި މުޅި ރާއްޖެއަށް ކޮށްދެއްވާނެ ކަންތައްތަކެއްގެ ވާހަކަވެސް ހިމެނިފައިވެއެވެ.

އިއްޔެ ފުވައްމުލަކުގައި މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މާބަނޑުމީހުންނާއި ކުޑަކުދިންނަށް އިންޓަރނޭޝަލް ފެންވަރުގައި އެންމެ ރަނގަޅު ހިދްމަތްދެވޭ އަންހެނުންނާއި ކުޑަކުދިންގެ ހާއްސަ ހޮސްޕިޓަލެއް ރާއްޖޭގައި ގާއިމްކޮށްދެއްވާނެކަމަށެވެ.

އެ ހޮސްޕިޓަލަކީ މި ސަރަޙައްދުގައިވެސް އެންމެ ރަނގަޅު ފެންވަރުގައި ހިދުމަތްދެވޭ ހޮސްޕިޓަލަށް ވެގެންދާނެކަމުގެ ޔަގީންކަން މުއިއްޒު ވަނީދެއްވާފައެވެ.

ފުވައްމުލަކުސިޓީގައި ބޭއްވި ޖަލްސާ(ޑރ މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން)
ފުވައްމުލަކުސިޓީގައި ބޭއްވި ޖަލްސާ(ޑރ މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން)

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އެބައުޅޭ 500 އެއްހާ މުވައްޒަފުންނަށް މުއިއްޒު ދެއްވީ ޕީއެސްއެމްގެ މުވައްޒަފުންނަށް ހުޅުމާލޭގައި ތަރައްގީ ކުރެވޭ ހައުސިންގ މަޝްރޫއުގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުންނަށް ލިބެންޖެހޭ ފްލެޓްތައް ކަނޑައެޅިގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫއުގެ ތެރެއިން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ މުވައްޒަފުންނަށް ލިބެންޖެހޭ ފްލެޓްތައް ލިބޭނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.

ސިފައިންނާއި ފުލުހުންނަށް އަޅަމުންދާ ފްލެޓްތައް ދުވަހަކުވެސް ނުނިމުނުކަން ފާހަގަކުރައްވައި މުއިއްޒު ދެއްވި ޔަގީން ކަމަކީ މިހާރު ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށް ކުރިއަށްދާ ހައުސިންގ މަޝްރޫއުގެ އިތުރަށް، އެމަނިކުފާނުގެ ސަރުކާރަކުން ކުރިއަށްގެންދާ ހައުސިންގ މަޝްރޫއުގެ ތެރެއިން ސިފައިންނާއި ފުލުހުންނަށް އިތުރު ގެދުރުވެރިކަން ހޯދައިދެއްވާނެކަމުހެ ޔަގީންކަމެވެ.

ސޯޝަލް ހައުސިންގ ގެ ދަށުން ހުޅުމާލޭގައި އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ކުލި ނުދެއްކިގެން ޖޫރިމަނާވެފައި އެބަހުރިކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެއީ އަދުލުވެރި ގޮތެއްނޫން ކަމަށާއި އެގޮތަށް ހުރި ހުރިހާ ޖޫރިމަނާތައް މައާފްކޮށްދެއްވާނެކަމަށެވެ.

މިސްކިތްތަކުގެ އިމާމުން މަދުކަމާއި، އެއް އިމާމަކު ހުންނަކަމުގެ ޝަކުވާތައް ލިބިލައްވާފައިވުމާއެކު، މިސްކިތްތަކަށް ދޭންޖެހޭ ސަމާލުކަން އެމަނިކުފާނުގެ ސަރުކާރެއްގައި އިތުރުކުރެއްވުމަށާއި ކޮންމެ މިސްކިތަކަށް ދެ އިމާމުން ތިބޭވަރަށް އިމާމުން އިތުރު ކޮށްދެއްވުމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ.

ކީރިތިގުރުއާން ހިތުދަސް ހާފިޒުންނަށް ސަރުކާރުންދޭ އެލަވަންސް މިހާރަށްވުރެ ދެގުނަ އިތުރުކޮށް ދެއްވުމަށް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް ދަރިން ބެލެހެއްޓުމަށްދޭ އެލަވަންސް، 4 ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށްދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްދެއްވުމަށްވެސް މުއިއްޒު ވައުދުވެވަޑައިގެންފައެވެ.