ތ. އަތޮޅު ދިޔަމިގިއްޔާއި މަޑިފުށި ކޯޒްވޭއަކުން ގުޅާލައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ރިޔާސީ ކެމްޕެއިންގައި ތ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދިޔަމިގިލީގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ދިޔަމިގިލީގެ ތަރައްގީއަށް އެރަށޫގެ ރައްޔިތުން އެދޭ ކަންކަން ކޮށްދެއްވާނެކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. ދިޔަމިގިލީ ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއްކަމަކީ ރަށްގިރުމުގެ މައްސަލަ ހައްލު ކޮށްދެއްވުންކަން ފާހަގަ ކުރައްވައި ރައީސް ވަނީ އެކަން ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ވަރަށް އަވަހަށް ރިވެޓްމަންޓް ޖަހަން ފަށާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ދިޔަމިގިލީގެ ބިންހިއްކާ ނިމޭއިރު މެދުފުށްޓާ ގުޅާލާނެކަމަށާއި އެއަށްފަހު މަޑިފުއްޓާ ކޯޒްވޭއަކުން ގުޅާލާނެކަމަށެވެ.

ދިޔަމިގިލީގެ ތަރައްގީއަށް ގިނަ ކަންތައްތަކެއްގެ ވާހަކަ ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އެރަށުގެގެ ބޯހިޔާވަހިކަމަށް އޮތް މައްސަލަ ހައްލުކުރެއްވުމަށް ފްލެޓް ނުވަތަ ރޯ ހައުސް އަޅުއްވައި ދެއްވާނެ ކަމަށެވެ. އަދި އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ތާރު އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދިވެސް އިތުރަށް ދިޔަމިގިލީ ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށްދެއްވުމުގެ ގޮތުން މަލްޓިޕާޕަސް ހޯލަކާއެކު އިތުރު ވަސީލަތްތައް ހޯދައިދެއްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވަނީ ދިޔަމިގިއްޔަކީ ފަރުމަހުގެ މަސްވެރިކަން ކުރާ ރަށެއްކަން ފާހަގަކުރައްވައި، އެރަށުން އައިސް ލިބޭނެ އިންތިޒަމް ހަމަޖައްސައިދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.