ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ހިޔާބޮޑު ގަހެއް ކަހަލަ ބޭފުޅެއް ކަމަށާއި އެ ގަހުގެ ހިޔާވަހިކަން ނުފޯރާ އެއްވެސް ރަށެއް ދިވެހިރާއްޖޭގައި ނޯންނާނެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެ ފަދައިން ވިދާޅުވީ އއ. މާޅޮހަށް ވަޑައިގެން ބޭއްވި ކެންޕޭން ބައްދަލުވުމުގައި އެރަށު ރައްޔިތުންނާ ވާހަކަދައްކަވަމުންނެވެ.

މީގެއިތުރުން ވަހީދު ވިދާޅުވީ 1989 ވަނަ އަހަރުން ފެށިގެން ޤާސިމާއެކު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި ގާސިމްގެ ޚިދުމަތްތަކުގެ ތަފްސީލް ކިޔައިދޭން ނުޖެހޭނެ ކަމަށާއި އެއީ ނުހަނު ގާތް ރަހުމަތްތެރިއެއް ކަމަށެވެ.

އަދި އެމަނިކުފާނަކީ ހިޔާބޮޑު ގަހެއް ކަހަލަ ބޭފުޅެއް ކަމަށާއި އެ ގަހުގެ ހިޔާވަހިކަން ނުފޯރާ އެއްވެސް ރަށެއް ދިވެހިރާއްޖޭގައި ނޯންނާނެކަން ވަރަށް އުފަލާއެކު ޑރ. ވަހީދު ވިދާޅުވިއެވެ.