ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު 90 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ކޮވިޑްބަލިޖެހޭ މީހުންނާއި، ބަލީގައި މަރުވާ މީހުންގެ ރެކޯޑު ބަލަހައްޓާ ވެބްސައިޓްތަކުން މިއަދުބުނެފައިވަނީ، ބަލިޖެހުނު މީހުންގެ އަދަދު މިހާރު 90.78 މިލިއަނަށް އަރާފައިވާ ކަމަށެވެ.

ހަމަ އެއާއެކު، ކޮވިޑްބަލީގައި ދުނިޔެއިން މަރުވި މީހުންގެ އަދަދު މިހާރުދަނީ ދެމިލިއަނާ ގާތްވަމުންނެވެ.

ރެކޯޑުތަކުން ދައްކާގޮތުގައި ކޮވިޑް ބަލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 1،944،935 މީހުން ވަނީ މަރުވެފައެވެ.

އަދި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދުވަނީ 64،919،394 އަށް އަރާފައެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީން އެންމެ ފުރަތަމަ ފެނުނު މިބަލި، މިހާރުވަނީ ދުނިޔޭގެ 218 ގައުމާއި ޓެރަޓަރީއަށް ފެތުރިގެން ގޮސްފައެވެ.

މިބަލީގައި ދުނިޔެއިން މަރުވި މީހުންގެ އަދަދު 1.94 މިލިއަނަށް އަރައިގެންދިޔައިރު، ކޮވިޑްބަލީގައި އެންމެ ފުރަތަމަ މީހަކު މަރުވިކަމަށް ރިޕޯޓްކުރިތާ ބަރާބަރު އެއް އަހަރު ފުރުނީ އިއްޔެއެވެ.

ކޮވިޑް-19 ބަލީގައި ދުނިޔެއިން އެންމެ ފުރަތަމަ މީހަކު މަރުވިކަމަށް ރިޕޯޓްކޮށްފައިވަނީ، ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާން ސިޓީންނެވެ.

ކޮވިޑްބަލި ޔޫރަޕާއި، ދެކުނު އެމެރިކާއާއި އޭޝިޔާގެ ބައެއް ގައުމުތަކުގައި ފެތުރުން މަޑުޖެހުމަކަށް އައުމަށްފަހު އަނެއްކާވެސް ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ.

ދުނިޔޭގައި ކޮވިޑްބަލީގެ ހާލަތު އެންމެ ގޯސްވެފައިވާ އެމެރިކާ، އިންޑިއާ އަދި ބްރެޒިލްގައިވެސް ހަލުވި ކަމާއެކު ބަލި ފެތުރެމުންދާއިރު، ޔޫކޭއިން ކޮވިޑް ވައިރަހުގެ އާ ވޭރިއެންޓެއް ފެނި އާދަޔާ ޚިލާފް ބާރުމިނުގައި ބަލި ފެތުރެމުންދާއިރު، އެގައުމު މިހާރު އޮތީ ލޮކްޑައުންގައެވެ.

ރަޝިޔާ، ޗައިނާ، ޖަރުމަނު، ފްރާންސް، އިޓަލީ، ބެލްޖިއަމް، ނެދަރލޭންޑްސް، އޮސްޓްރިއާ، ޖަޕާން، ސައުތު ކޮރެއާ، އާޖެންޓީނާ، ކޮލަމްބިއާ، މެކްސިކޯ، ޕޭރޫގައިވެސް ކޮވިޑްބަލިޖެހޭ މީހުން އިތުރުވަމުންދާ ކަމަށް ރިޕޯޓްކޮށްފައި ވާއިރު، އެފްރިކާއާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުގައިވެސް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ރިޕޯޓް ކުރަމުން ދެއެވެ.