ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި މާވުރުލުގައި ތަރައްގީ ކުރި ގދ. ގައްދޫ އެއާޕޯޓު ފުރިހަމައަށް ތަރައްގީ ކުރުމާއެކު، ގައްދޫގައި ހޮސްޕިޓަލެއް ގާއިމުކުރެއްވުމަށް ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
މުއިއްޒު މިފަދައިން ވައުދުވެވަޑައިގެންނެވީ ގދ ގައްދޫގައި މިއަދު އޮތް ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މިޖަލްސާގައި ރައީސް ޔާމީނުގެ ޒައާމަތުގައި ގައްދޫގެ ތަރައްގީއަށް ކުރެއްވި މަސައްކަތްތައް ހުރީ ފެންނަންކަން ފާހަގަކުރައްވައި ޑރ މުއިއްޒު ވިދާޅުވީ އެފަދަ ތަންތަނަށް، އެއާޕޯޓު ފަދަ ބޮޑެތި އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި ގެދޮރުގެ މަޝްރޫއުތައް ފެންނަން އެބަހުރިކަމަށެވެ. އެހެންކަމަށްވުމާއެކު މި ރިޔާސީ އިންތިހާބު ކާމިޔާބުވެވަޑައިގެންފިނަމަ މިރަށުގެ ރައްޔިތުންގެ ތަރައްގީއަށް ކުރި މަގަށް ފެންނާނީ އީޖާބީ ގޮތެއްގައި ކުލަޖައްސައިދެއްވާނެކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ޒަމާނުއްސުރެ ގައްދޫ ރައްޔިތުން ބޭނުންކުރަމުން އައި ގައްދޫ ގަން އަނބުރާ ގައްދޫ ރައްޔިތުންނަށް ދެއްވާނެ ކަމަށާއި، އެ ރަށުން ގައްދޫ އަދި މުޅި އަތޮޅުގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަންކަން ބައްޓަންކުރައްވާނެ ކަމުގައި މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ގައްދޫ ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަމަކީ އެރަށުގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީ ކުރުންކަން ފާހަގަކުރައްވައި މުއިއްޒު ވަނީ އެފަދަ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އެ ރަށުގައި ތަރައްގީ ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މާވުރުލު އެއާޕޯޓުގައި އަސާސީ އެތައް ކަމެއް ގާއިމުނުކުރެވި އެތަން ރައީސް ޔާމީނުގެ ވެރިކަމުގައި ނިމުނު މިންވަރަށްވުރެ ބޮޑަށް ތަރައްގީނުވެ އޮތްކަން ފާހަގަކުރައްވައި ޑރ.މުޢިއްޒު ވިދާޅުވީ އެތަން ފުރިހަމަ އެއާޕޯޓަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި މި އަތޮޅުގައި ނުނިމިހުރި ރިސޯޓުތައް ނިންމެވުމާއެކު، ގައްދޫއަގައި ސާފިން ފަތުރުވެރިކަން ތަރައްގީ ކުރައްވާނެކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.