ރާއްޖޭގެ ރަށްރަށުގައި އިންސާނުންނަށް ދިރިއުޅެވޭ ވަރަށް ކަންކަން ހަމަޖެއްސުނީ އަދި ކިރިޔާ ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް ތ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ތ. ހިރިލަންދޫގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ގިނަ ރަށްތަކުގައި ސާފު ބޯފެން ނުލިބޭ ކަމަށާއި ފާހާނާ ނިޒާމްތައް ގާއިމް ކުރެވިފައި ނުވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ހަމައެހެންމެ އެކަށީގެންވާ ގޮތުގައި ކަރަންޓު ނުލިބޭކަމަށާއި، ސިއްހީ ހިދުމަތްވެސް ލިބެން ނެތްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ 127 ރަށަށް އަޅުގަޑުމެންނަށް އެމްބިއުލާންސް ފޯރުކޮށްދޭން ޖެހުނީ ސިއްހީ ހިދުމަތް ލިބެން ނެތަތީކަމަށެވެ. އެމްބިއުލާންސްފަދަ ކަންތައްތަކަކީ އެންމެ އާދައިގެ ކަންތައްތައްކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. ރައީސް ވިދާޅުވީ ކަރަންޓުވެސް އޮތީ ހަމައެހާލަތުގައި ކަމަށާއި 152 ރަށުގަ އިންޖީނުގެ އަޅަންޖެހުނުކަމަށެވެ. އިންޖީނުގެތަކުގެ ޖަނަރޭޓަރު ބަދަލުކުރަން ޖެހުނުކަމަށާއި ނެޓްވާރކް ބަދަލުކުރަން ޖެހުނުކަމަށްވެސް ރައީސް ވިދާޅުވިއެވެ. ބަނދަރުގެ ހާލަތުވެސް އޮތީ ހަމަ އެއްގޮތަކަށްކަން ހާމަކުރައްވައި ރައީސް ވިދާޅުވީ 125އަށްވުރެ ގިނަ ރަށުގައި ބަނދަރު ފުން ކޮށް ބޮޑުކޮށް ބަނދަރުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މަސައްކަތްތައް ކުރައްވަން ޖެހުނު ކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ، އަސާސީ މިހިދުމަތްތައް ގާއިމް ނުކުރެވި ދިޔައީ ދައުލަތުގައި ފައިސާ ނެތިގެން ނޫންކަމަށާއި، އެހެންނަމަވެސް އެކަންކަން ކުރުމުގެ ވިސްނުމާއި ފިކުރު ނެތިގެން ކަމުގައެވެ. މީގެއިތުރުން ރައީސް ސާލިހު ވިދާޅުވީ ކަންކަން ކުރުމުގެ ވިސްނުމާއި ފިކުރު ނެތް ބަޔަކަށް ދެންވެސް އެކަންކަން ނުކުރެވޭނެ ކަމަށާއި، ކުރެވޭނެހާވެސް ކަމަކީ ފައިސާއިން ޖީބުތައް ބަރު ކުރުން ކަމުގައެވެ.