ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ގދ ތިނަދޫއަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައެވެ. މިޖަލްސާގައި މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތިނަދޫގައި އެއް ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަވައި ސިޓީއަކަށް ބޭނުންވާ ހުރިހާ ކަމެއް ތިނަދޫގައި ފުރިހަމަ ކޮށްދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ރަށަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބަލާ މިންގަނޑު ކަމަށްވާ 10،000 މީހުންގެ އާބާދީ ހަމަވުމަކީ ލާޒިމު ކަމަކަށް ވާކަށް ނުޖެހޭނެކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ 8،000 މީހުން ހަމަވާ ނަމަ، ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވެންވާނެ ކަމަށެވެ.

ރައްޔިތުން ބޭނުންވާ ފަދަ އުމްރާނީ ތަރައްގީ ގެނެސްދިނުމުގެ ރިކޯޑް އޮތީ ޕީޕީއެމް/ޕީއެންސީގައިކަން ރައްޔިތުން ގަބޫލުކުރައްވާކަން ހާމަކުރައްވައި މުއިއްޒު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންވެސް ޕާޓީ ވިސްނުން ދޫކޮށް ތަރައްގީގެ ފިކުރާއެކު ކުރިއަށްދާންޖެހޭ ކަމަށެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް މީގެކުރިން އެރަށު ކައުންސިލުން ވެސް ވަނީ މަސައްކަތްކޮށްފައިވީ ނަމަވެސް ގާނޫނުގައި ބުނާ އަދަދަށް އާބާދީ ހަމަނުވާތީ އެކަން ވަނީ ނުކުރެވިފައެވެ.