ގދ. ހޯނޑެއްދޫއިން ކުޑަކުއްޖެއްގެ ނޯޓަކުން އެރަށް ކައިރީގައި އޮންނަ ކަޑެވާރެހާގައި ޓޫރިޒަމް ތަރައްގީ ކުރުމަށް އެދިފައި އޮތްކަމަށާއި ކަޑަވާރެހާ ފަތުރުވެރިކަމަށް ހުޅުވާލާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހޯނޑެއްދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މުއިއްޒު ވިދާޅުވީ، އޭނާ އެ ރަށަށް ފޭބިތަނާ ކުޑަކުއްޖަކު އައިސް ނޯޓެއް ދިން ކަމަށާއި ރަށަށް ބޭނުންވާ ކަންކަން ލިޔެފައިވާ އެ ނޯޓުގައި ކަޑެވާރެހާގައި ޓޫރިޒަމް ތަރައްގީ ކުރުމަށް އެދިފައިވާ ކަމަށެވެ.

"އެއީ ރައްޔިތުން އެދޭ ގޮތް ކަމަށްވާ ނަމަ ގާނޫނީ ހަމަތަކުގެ މަތިން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމާއެކީގައި އެ ތަން ޓޫރިޒަމަށް އިންވެސްޓް ކުރާނެ ތަނެއް ގޮތުގައި ކަނޑައަޅައި ދިނުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނެ ކަމެއް،" މުއިއްޒު ވިދާޅުވިއެވެ.

އާމްދަނީ ހޯދޭނެ ވަސީލަތްތައް އިތުރު ކުރެވޭނެ ގޮތްތަކަށް މަސައްކަތް ކުރަން ޖެހޭކަން ހާމަކުރައްވައި މުއިއްޒު ވިދާޅުވީ އެގޮތުން ކަޑެވާރެހާ ނަމަކަށް ކިޔާ ފަޅު ރަށް ޓޫރިޒަމަށް އިންވެސްޓް ކުރުމަކީ އިސްކަން ދެއްވާނެ ކަމެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެކަމުގައި ގާނޫނީ ގޮތުން ހުރި ކަންކަން ބެެއްލެވުމަށް ފަހު، ކަޑެވާރެހާ އަށް ޓޫރިޒަމް ގެނެސް، ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށް ދެއްވާނެ ކަމަށެވެ.

މުއިއްޒު ހޯނޑެއްދުއަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި:

  • ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް ލެބޯޓަރީ ފެންވަރަށް ތަރައްގީ ކުރުން
  • މަގުތައް ހެދުމާއި ރާޅު އަރައި ގެއްލުންވާ ސަރަހައްދު ހިމާޔަތްކޮށް ރިވެޓްމަންޓް ޖެހުން
  • ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުން، ވޮލީ ކޯޓަކާއި ބަށި ކޯޓަކާއި ފުޓްބޯޅަ ދަނޑެއް ހަދައިދިނުން
  • ރީތި މިސްކިތެއް އެޅުމާން
  • ގެދޮރުވެރިކަން ފޯރުކޮށްދިނުން
  • ހޯނޑެއްދޫގައި ސްކޫލްގެ ޖާގަ އިތުރުކޮށް ކްލާސް ރޫމާއި މަލްޓި ޕާޕަސް ހޯލެއް އެޅުން