މިހާތަނަށް ދޫކޮށްފައިވާ އެސްއެމްއީ ލޯންތައް މައާފްކޮށްދޭނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް އއ. އަތޮޅަށް ކުރަށްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މަތިވެރިއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ މިވެރިކަމުން ވަނީ ގާނޫނުއަސާސީ ހިލާފް އެތައް ކަމެއް ކުރައްވާފައި ކަމަށާއި ދީނާ ގައުމިއްޔަތާއި އިސްތިގްލާލުވަނީ ނުރައްކަލުގެ ތެރެއަށް ވައްޓާލާފައި ކަމަށެވެ.
އަދި ވެރިކަމުގައި ތިބި ބަޔަކު ރައްޔިތުންނަށް ހިޔާނާތްތެރިވުމަކީ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަންކަމަށާއި ތާރީހުންވެސް ސާބިތުކޮށްދެނީ ބޭރުމީހުންނާއި ގުޅިގެން ގައުމަށް ގައްދާރުވާ ފަރާތްތަކުގެ ސަބަބުން ގައުމަށް ލިބުނު ނިކަމެތިކަން ކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ގައުމަށް އިގްތިސާދީ ބޮޑު ބަދަލުތަކެއް ބޭނުންވާ ކަމަށާއި ކުދިވިޔަފާރިތަކުގެ ދިރުން އިތުރު ކުރަންޖެހޭކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި މިހާތަނަށް ދޫކޮށްފައިވާ އެސްއެމްއީ ލޯންތައް މައާފްކޮށްދޭނެކަމަށެވެ.
އެމަނިކުފާނު މަތިވެރިއަށް ވަޑައިގަތީ މިއަދު ހެނދުނުއެވެ.