ނޫސްވެރިޔާ ޑެނިއަޕް ޕާރލް މަރާލި އުމަރު ސައީދު ޝެއިޚް ދޫކޮށްލި މައްސަލާގެ ޝަރީއަތް ސިންދު ހައި ކޯޓުން ފަށައިފިއެވެ. މިއަދުގެ ޝަރީއަތުގައި ޕާރލްގެ މައިންބަފައިންގެ ވަކީލު ކޯޓުގައި ބުނެފައިވަނީ މިމައްސަލާގައި ހިމެނޭ ފަރާތްތަކާއި ހެކިންނަށް ބިރު ދެއްކުމުގެ އަމަލުތަކެއްވެސް ހިންގާފައިވާ ކަމަށެވެ.
ސިންދު ހައިކޯޓުން ވަނީ ސައީދު ޝެއިޚް ބަންދުން ދޫކޮށްލުމަށް ޙުކުމް ކޮށްފައެވެ. ނަމަވެސް އެމެރިކާ ސަރުކާރާއި ޕާލްގެ މައިންބަފައިންގެ މަސައްކަތުން އޭނާ އަލުން ބަންދުކޮށްފައި ބަހައްޓައިގެން އޭނާގެ ހުކުމާ މެދު ގޮތެއް ނިންމުމަށް ތިން ގާޒީންގެ ބެންޗަކުން މައްސަލަ ބަލަން ފެށީއެވެ.
ވަކީލު ބުނެފައިވަނީ މި މައްސަލާގައި ބިރު ދެއްކުން އިތުރު ވުމުން ޝަރީއަތް ބާއްވާތަންވެސް ބަދަލުކޮށްފައި ވާނެ ކަމަށެވެ. އަދި މިމައްސަލާގައި ޓެރަރިޒަމްގެ ތުހުމަތު ކޮށްފައިވަނީ މި ޖަރީމާގައި ބައިވެރިވާ ފަރާތްތަކުގެ އިޢްތިރާފް ބަޔާންތަކަށް ބަލައިގެން ކަމަށެވެ. އަދި ކުށްވެރިޔާއާއި މަޒްލޫމާ ދެފަރާތުގެ ހައްގުތައް ހަމަހަމަ ކުރުމަށް އޭނާ އެދިފައި ވެއެވެ.
އުމަރު ސައީދުގެ ގާނޫނީ ވަކީލު ބުނެފައި ވަނީ މި މައްސަލައަކީ އޭނާގެ މުވައްކިލަށް ފިއްތައިގެން އިޢްތިރާފް ބަޔާން ހޯދާފައިވާ މައްސަލައެއް ކަމަށެވެ. އަދި މިކަމުގައި އެމެރިކާގެ އެފްބީއައިން އުޅެފައިވާ ކަމަށާއި އެއްވެސް ގައުމަކުން އެގައުމުގެ ތަހްގީގީ އިދާރާއެއް އަނެއް ގައުމެއްގެ ރައްޔިތުންގެ ފަހަތުން ނުފޮނުވާނެ ކަމަށްވެސް އޭނާ ކޯޓަށް ކިޔައި ދިނެވެ. އަދި ސައީދު ޝެއިޚްއާ ޑެނިއަލް ޕާރލްގެ ދެމެދު އެއްވެސް ބައްދަލުވުމެއް ބޭއްވިފައި ނުވާކަމަށްވެސް ވަކީލު ބުންޏެވެ.
މީގެ ކުރީގެ ބަޔާންތަކުގައި ސައީދު ޝެއިޚް ބުނެފައިވަނީ އޭނާ ޕާރލް ގެނަސްގެން ބައްދަލުކޮށް އޭނާ ވަގަށް ނަގައިގެން މަރާލީ ކަމަށެވެ.
މި ޖަރީމާއަކީ 2002ގެ ޖެނުއަރީ މަހު ހިނގާފައިވާ ހާދިސާއެކެވެ. އާންމު ގޮތެއްގައި ޓެރަރިޒަމްގެ މައްސަލަތަކުގައި ޕާކިސްތާންގައި ޝަރިޢަތް ހިނގަނީ ލަސްކޮށެވެ.