ގައުމުގެ މިއަދުގެ ޖީލަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިނަކަމަށް ޖޭޕީގެ ޕީޖީ ލީޑަރ އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި ޖޭޕީއިން މިއަދު ހެނދުނު އއ. މަތިވެރިގައި ބޭއްވި ބައްދަލުވުމުގައެވެ.
މީގެ އިތުރަށް އެމަނިކުފާނު ވިދާޅުވީ ހީކުރެވުނީ ހޮޅިންގެ ކިބައިންނާއި ވޯރާވިޔަފާރި ކިބައިން ސަލާމަތްވެއްޖެކަމަށާއި ނަމަވެސް ލޯކަލްމާރުކޭޓުން ފެށިގެން ރިސޯޓުތަކާހަމައަށް، މުޅި އިޤްތިޞާދު މިކޮންޓްތޯލް ކުރަނީ ބޭރުގެ ވިޔަފާރިވެރިން ކަމަށެވެ.
އަލީ ހުސައިން ވިދާޅުވިީ ގައުމު އަޅުވެތިކަމުން ސަލާމަތްކުރެވޭނީ ރާއްޖޭގެ ރައްޔިތުންނަށްކަމަށާއި އެއީ ވެރިޔަކު އިހްތިޔާރުކުރުމުގައި އިޚްލާސްތެރި ވެރިޔަކު ހޮވުން ކަމަށެވެ.
އަދި މިއަދުގެ ހާލަތަށް ބަލާއިރު ގައުމަށް ގައްދާރުނުވެ ރައްޔިތުންގެ ކިދްމަތުގައި ހުންނެވި ހަމައެކަނި ލީޑަރަކީ ގާސިމް އިބްރާހިމް ކަމަށްވެސް އަލީ ވިދާޅުވެފައިވެއެވެ.