ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުން ވަޅުލާފައި ވަނިކޮށް މިދިޔަ އަހަރު ފުލުހުން އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައަށް ވީގޮތުން އެނގިގެން މިދިޔައީ ޑްރަގްގެ ބޮޑުންގެ މޫތައް ދައުލަތުގެ ތެރެއަށް ފައިބައިފައިވާ ފުންމިން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ހުޅުވާރުލުގައި ވަޅުލާފައި ވަނިކޮށް ފުލުހުން އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާ އުފުލި އެންމެން މިހާރު ވަނީ ސަލާމަތްވެފަ އެވެ. އެންމެ ފުރަތަމަ އެ މައްސަލަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. އެ ކޯޓުން މައްސަލަ ބޭރުކޮށްލީ އެވެ. ދެން މައްސަލަ ހުށަހެޅީ ގދ. ގައްދޫ ކޯޓަށެވެ. އެ ކޯޓުން ވެސް ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ.

ނަމަވެސް ގައްދޫ ކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފަ އެވެ.

މިކަމާ ގުޅޭގޮތުން އުމަރު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލައިން މި ދައްކުވާދެނީ މަސްތުވާ އެއްޗެތި އެތެރެކޮށް ވިއްކާ މީހުންގެ މޫތަށް ދައުލަތުގެ ތެރެއަށް ފައިބައިފައިވާ ފުންމިން ކަމަށާއި އޭގެ ސަބަބުން ޤާނޫނު ތަކުގެ ބާރުކެޑިފައިވާ މިންވަރު ވެސް އެކަމުން އެނގިގެންދާ ކަމަށެވެ.

އުމަރު ވިދާޅުވީ އެ މޫތައް ކަޑާލައި، މި ދައުލަތް ސަލާމަތް ކުރެވޭނީ ގައުމަށް އިޚުލާސްތެރި، ހަރުދަނާ، އަޒުމް ވަރުގަދަ ވެރިކަމެއް ގާއިމް ކުރެވިގެން ކަމަށާއި އިރާދަ ކުރެއްވިއްޔާ އެދުވަސް ދިވެހީން ދެކޭނެ ކަމަށެވެ. އަދި މަސްތުވާ އެއްޗެތީގެ ނުރައްކަލުން އާއިލާތައް ސަލާމަތް ކުރެވިފައިވާ މުޖްތަމައެއް ދިވެހީން ދެކޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުމަރަކީ މަސްތުވާތަކެތި ރާއްޖެ އެތެކޮށް އެތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވުމަށް ހަރުނަދާ ވަރުގަދަ ފިޔަވަޅުތަކެއް އެޅުއްވުމުގެ ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށް އޭނާ އަންނަނީ ތަކުރާރުކޮށް ބަޔާންކޮށްދެއްވަމުންނެވެ.