އިދިކޮޅު ފަރާތްތަކުން ކަންކަން ކުރަމުން ދަނީ އޮޅުވާލުމުގެ އުސޫލުން ކަމަށް ވިދާޅުވެ، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފާޑު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު ޕީޕީއެމަށް ފާޑުވިދާޅުވެލެއްވީ، ލ އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އިސްދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިންތިހާބަށް އެންމެ ފަހު ދެ ތިން ދުވަހަށް ވެފައި ވަނިކޮށް، ޔާމީންގެ ސަރުކާރުން ވަނީ ރަށްރަށުގެ ސިއްހީ މަރުކަޒުގެ ނަން ބޯޑުތައް ހޮސްޕިޓަލަށް ބަދަލުކޮށް، ހިދުމަތްދޭ ގަޑިތައް ބަދަލުކުރަމުން ދިޔަ ކަން ފާހަގަކުރައްވައި، އޭރު އެ ތަންތަނުގައި މުވައްޒަފުންނާއި ވަސީލަތްތައް ހަމަނުވާ ކަމަށް ވިދާޅުވެ ރައީސް ސާލިހު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެތަންތަނުގައި މީހުންނެއް ނެތްކަމަށާއި ވަސީލަތެއް ނެތްކަމަށް ވިދާޅުވެ އެ ހުރިހާ އުނދަގުލެއް ތަހައްމަލުކުރަން ޖެހުނު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ދުވަސްވަރުގެ ބައެއް ކަންކަމުން މިސާލު ނަންގަވައި އެމަނިކުފާނު ވިދާޅުވީ، ކޮވިޑުން ސަލާމަތްވުމުގެ ގޮތުން ޖަހާ ވެކްސިން ނުޖެހުމަށް އިދިކޮޅުން ބުނަމުން ގެންދިޔަ ވާހަކަ ރައީސް ސާލިހު ވަނީ ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ އެހެން ބުނަމުން ދިޔަ ނަމަވެސް އިދިކޮޅު ފަރާތްތަކުން ސިއްރުން ވެކްސިން ޖަހާފައިވާ ކަމަށެވެ. މި މޭރުމުން އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، ސިއްރުން އޮޅުވާލައިގެން ނޫނިއްޔާ އިދިކޮޅުން އެއްވެސް ކަމެއް ކުރާކަށް ނޭނގޭނެ ކަމަށްވެސް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

އިދިކޮޅުން ކަންތައްތައް އެހެން ކުރަމުން ގެންދިޔައިރު، އަދި މިހާރުވެސް އިދިކޮޅުން ކަންކަން ކުރައްވަނީ ސިއްރުން ކަމަށްވާއިރު، އޭގެ ބަދަލުގައި ސަރުކާރުން ކަންކަން ކުރަމުން ދިޔައީ ހާމައަށްކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ކޮވިޑުގެ ދުވަސްވަރު ސަރުކާރުން ކުރި ހުރިހާ ހަރަދެއްގެ ތަފްސީލު ރައްޔިތުންގެ މަޖިލީހަށް ކޮންމެ ދެ ހަފްތާއަކުން ފޮނުވަމުން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އޮޅުވާލައިގެން އޭގެ ނާޖާއިޒު ފައިދާ އެއް ނަގާފައެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ވައުދު ވަނީ ރައްޔިތުންނަށް ހިދުމަތްކުރެއްވުން ނޫން އެހެން ނިޔަތެއްގައި ނޫން ކަމަށެވެ. އަދި ވައުދުތައް ފުއްދޭނީ އެކަމުގެ ތަޖުރިބާ ހުރި، ކަން ކޮށްފައި ތިބި ބަޔަކަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ތަފާތުކުރުމެއް ނެތި، ހުރިހާ ރަށަކަށް ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެ، ރައީސް ވަނީ ތަކުރާރުކޮށް ޔަގީންކަން ދެއްވާފައެވެ.

ރައީސް ވިދާޅުވީ، ލ އިސްދޫ ރައްޔިތުން އެމަނިކުފާނަށް މެޖޯރިޓީ ދެއްވައި، އެއްބުރުން އިންތިހާބު ނިންމުމަށް އަމާޒު ހިފާފައިވާ ކަމާމެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށެވެ.

މީގެ އިތުރުން ރައީސް ސާލިހު ވަނީ އިސްދު އަށް ކޮށްދެއްވާނެ ބައެއް ކަންކަމުގެ ތަފްސީލުވެސް ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި،

  • އިސްދޫ ރައްޔިތުންނަށް ބޯ ހިޔާވަހިކަން ދިނުމަށް ހައުސިން ޕްރޮޖެކްޓެއް ފެށުން
  • ލ. އަތޮޅުގެ ޓޫރިޒަމް ތަރައްގީކުުރުމަށް ސިޓީ ހޮޓަލެއް އިމާރާތްކުރުން
  • އިސްދޫގެ ބޮޑެތި މަގުތަކުގައި ތާރު އެޅުން
  • އާޓިފިޝަލް ބީޗެއް ތަރައްގީކުރުން
  • އިސްދޫގެ ސިއްހީ މަރުކަޒަށް އިތުރު ވަސީލަތްތައް ގެނެސްދީ ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކުރުން

މީގެ އިތުރުން، ލ. އަތޮޅަށް އެއާޕޯޓެއް އިތުރުކުރުމާ މެދު ވިސްނަވަމުން ގެންދަވާ ކަމަށާއި، އެއާޕޯޓު ތަރައްގީކުރާ ސަރަހައްދު ފައިނަލްވުމުން ގޮތެއް ނިންމަވާނެ ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.