މާލޭގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާ ވަހިކަން އެއްވެސް ދައްޗެއް ނެތި މާލެއިން ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ. ރޭ، ގްރޭޓާ މާލެއޭރިޔާގެ ތަސައްވަރު ހާމަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިލްޔާސްގެ މެނިފެސްޓޯގެ އެންމެ އިސްކަމެއް ދީފައިވަނީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށެވެ.

އިލްޔާސް ވިދާޅުވީ، މާލޭގެ ބޯހިޔާވަހިކަމުގެ ހާލަތަށް ބަލާއިރު 16،193 އާއިލާ މިހާރުވެސް ދިރިއުޅެމުން އަންނަނީ އެވްރެޖް 600 އަކަ ފޫޓަށް ވުރެ ކުޑަ އެކެއް އަދި ދެ ކޮޓަރި ތަންތަން ކޮޅުގައިކަމަށެވެ. މާލެ ސަރަހައްދުން ގޯތި ލިބޭ ލިސްޓު، ގުޅީފަޅާއި ގިރާވަރުފަޅާއި އަދި ހުޅުމާލެއިން ދޭނެ ކަމަށް ބުނާ ގޯތިތަކާއެކު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އާންމު ކުރިއިރު މިހާރަށް އާބާދު ވެވެން އޮތީ ހަމައެކަނި ހުޅުމާލޭގައިކަމަށް އިލްޔާސް ވަނީ ވިދާޅުވެފައެވެ.

މިއީ މި ލިސްޓުގައި އޮތް ބޯހިޔާވަހިކަން ހައްގުވާ ނުވަހާސް އެތައް އާއިލާއެއްގެ ތެރެއިން ފަނަރައިން ސައްތަ އަށް ވުރެވެސް ކުޑަ އަދަދެކެވެ. ބާކީ އެންމެނަށް ގޯތި ލިބޭކަމަށް އިއުލާނުކޮށްފައިވަނީ ގުޅީފަޅާއި އަދި ގިރާވަރުފަޅުންކަމަށްވާއިރު އެންމެ ކުޑަމިނުން ހިއްކާވެސް ނުނިމެއެވެ. އަސާސީ ހިދުމަތްތަކާއި ވަސީ ލަތްތައް ގާއިމުކުރުމުގެ މަސައްކަތް އަމުދުން ނުވެސް ފެށެއެވެ.

ގުޅީފަޅުން ގޯތި ދޭން ކަނޑައަޅާފައިވާ ސަރަހައްދު ހިއްކުމަށް ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަވާނެކަމަށް އަންދާޒާކުރެވޭ އިރ،ު ގިރާވަރުފަޅު ހިއްކުމަށް އިތުރު އަށްސަތޭކަ މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބެލެވޭކަމަށާއި އަދި މިތަންތަނުގެ މަގުތަކާއި ޔުޓިލިޓީ ގްރިޑާއި އެހެނިހެން އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް އިތުރު ދެ ބިލިއަން ރުފިޔާ ހޭދަވާނެކަމަށް އަންދާޒާ ކުރެވޭ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސްގެ ތަސައްވަރު، މާލޭގެ ބޯހިޔާވަހިކަމަށް:

  • – 5 އަހަރުތެރޭ މާލޭގެ 25،000 އަށްވުރެ ގިނަ އާއިލާތަކަށް ބޯހިޔާވަހިކަން ހަމަޖައްސަ ދިނުން
  • މާލެއިން ބޭރަށް ބަދަލުވާން އެދޭ މީހުންނަށ،ް ބޯހިޔާވަހިކަމާއި އަދި ސެޓްލްމަންޓް އެލަވަންސް ފޯރުކޮށްދިނުން
  • ވިލިމާލެއިން ބިން ލިބި ރަށްވެހިވެފައިވާ ފަރާތްތަކުގެ ތެރެއިން 6 ބުރިއަށް ވުރެ މައްޗަށް އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުމާލެއަށް ބަދަލުވުމުގެ ފުރުސަތު ދިނުން
  • މާލޭގައި ހުރި ސަރުކާރާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލުމުގެ ދަށުގައި ހުރި ،111 ،351 ،355، 356 އަދި 360 ނަންބަރު ކޮށި ވަގުތުން ހުސްކޮށް އެ ބިންތަކުގައި 15 ބުރީގެ ކޮންޑޮމީނިއަމް އިމާރާތްތަކެއް ގާއިމުކުރުން
  • މި އިމާރާތްތަކުގެ 13 ބުރި ހާއްސަ ކުރެވޭނީ 2 އަދި 3 ކޮޓަރީގެ ކޮންޑޮމީނިއަމް ޔުނިޓްތަކަށް
  • ބާކީ3 ބުރީގައި ޕާކިންއާއި ޖިމް އަދި ރީޓެއިލް އައުޓްލެޓް ފަދަ އާންމު ހިދުމަތްތައް ގާއިމުކުރެވޭނެ
  • މި ކޮށިތަކުގައި އެކު ޖުމްލަ 202،684 އަކަފޫޓު ބިމުގައ،ި 2 ކޮޓަރީގެ 1،581 ޔުނިޓާއި އަދި 3 ކޮޓަރީގެ 767 ޔުނިޓް ހިމެނޭހެން ޖުމްލަ 2،347 ކޮންޑޮމީނިއަމް ޔުނިޓް އިމާރާތްކުރެވޭނެ.
  • މާލޭގެ އެންމެ ތޮއްޖެހި ކޮއްލަވާނިވެފައިވާ 10 ކޮށި ފާހަގަކޮށ،ް އެ ކޮށިތަކަށް ނިސްބަތްވާ އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވަކި ކޮންޑޮމީނިއަމް ޔުނިޓެއް
  • އެ ކޮށިތަކުގައިވާ ކޮންމެ ގޯއްޗަކަށް 1،000 އަކަފޫޓަށް ވުރެ ކުޑަނޫން ގޯއްޗެއް ދިނުން

އިލްޔާސް ވިދާޅުވީ މި އިމާރާތްތަކަށް ޖުމްލަ ހިނގާނެކަމަށް އަންދާޒާކުރެވެނީ 3.9 ބިލިއަން ރުފިޔާ ކަމަށެވެ. މި އިމާރާތްތައް އިލްޔާސް ލަބީބުގެ ސަރުކާރުގެ ފުރަތަމަ 18 މަސްދުވަހުގެ ތެރޭ އިމާރާތްކޮށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.