ގއ. ދެއްވަދޫގެ ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އެކު ފުރުސަތު ދެއްވައިފިނަމަ، ނަތީޖާނެރެ ބާރުސްޕީޑުގައި ތަރައްގީ ގެނެސް ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކެމްޕެއިނަށް މިއަދު ގއ. ދެއްވަދޫއަށް ވަޑައިގަތުމުން އެ ރަށުން މުއިއްޒަށް ކިޔާފައިވަނީ ވަރަށްވެސް ހޫނު މަރުހަބާއެކެވެ. ރައްޔިތުންގެ މި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައި، މުއިއްޒު ވިދާޅުވީ ބައެއް މަޝްރޫއުތައް ރަށުގައި ކުރިޔަށް ދާން، ރައްޔިތުން ބޭނުންވާއިރު އެއީ ރައްޔިތުން އެދޭ ސްޕީޑެއް ނޫން ކަމަށެވެ. އެކަމަކު ޕީޕީއެމް/ޕީއެންސީގެ އަބަދުވެސް ސިޔާސަތަކަށް ވާނީ ރަށުގެ ތަރައްގީ ބާރު ދުވެލީގައި ކުރިޔަށް ގެންގޮސް ތަންފީޒު ކުރުންކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"ދެއްވަދޫގައި ހިންގާ މަޝްރޫއުތައް މިހާރު ކުރިޔަށް ދަނީ ވަރަށް ލަސް ސްޕީޑެއްގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެމަޝްރޫޢުތައް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންގޮސް ނިންމައިދޭނަން،"
މުއިއްޒު

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އެ މަޝްރޫއުތައް އިތުރަށް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދާނެ ކަމަށާއި ރައްޔިތުން އެދޭ ކަންތައްތައް އެދޭ ގޮތަކަށް ކޮށްދެއްވާނެ ކަމަށެވެ.

މުއިއްޒު ދެއްވަދޫގައި
މުއިއްޒު ދެއްވަދޫގައި
މުއިއްޒު ދެއްވަދޫގައި

ދެއްވަދޫގެ ކުރިމަގަށްޓަކައި ރައްޔިތުން ގޮތް ނިންމައި ރިޔާސީ އިންތިހާބުގައި ފުރުސަތު ދެއްވުމަށް އެދިވަޑައިގެން މުއިއްޒު ދެއްވީ ބަދަލު ދައްކައި ތަރައްގީ ގެންނާނެކަމުގެ ޔަގީންކަމެވެ. ރަށުގެ ރައްޔިތުންގެ ފަރާތުން ވެސް ބަނދަރުގެ ޝަކުވާތައް ލިބުނުއިރު މުއިއްޒު ވިދާޅުވީ ލޯންޗު ފަޅުތެރެއަށް ވަނުމާއި އެކު އެންމެ ފުރަތަމަ ފާހަގަކުރެވުނު މައްސަލައަކީ ވެސް އެއީ ކަމަށެވެ. މުއިއްޒު ވައުދުވީ ރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ބަދަލު ގެނައުމަށެވެ.

"އިރާދަކުރެއްވިއްޔާ ދެއްވަދޫގެ ތަރައްގީއަޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތަކަށް ވެސް އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. މި ރަށަކީ ވަރަށް ޒަމާންވީ، ވަރުގަދަ ތާރީހެއް އޮންނަ، ވަރަށް ހިދުމަތްތެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް. އެކަން އަޅުގަނޑު އެކަން އުފަލާއި އެކު ފާހަގަކުރަން،"
މުއިއްޒު

މުއިއްޒު ވިދާޅުވީ ރަށްތަކުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތާއީދެއް ލިބެމުންދާކަމަށާއި، އުންމީދަކީ ދެވަނަ ބުރަކަށް ނޮގޮސް އެއް ފަހަރުން މި އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެން ދިއުން ކަމަށެވެ.