ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ޑިޖިޓަލް އައިޑީ ކާޑު ބޭނުން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަ ކުރައްވައިފިއެވެ.

އީސީއިން މިގޮތަށް ހާމަ ކުރެއްވީ އެއިދާރާގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓެއްގައެވެ.

ހަބީބުގެ ޓްވީޓުގައި ވިދާޅުވީ ވޯޓު ލުމަށް ބޭނުން ކުރެވޭނީ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، މުއްދަތު ހަމަނުވާ ދިވެހި ޕާސްޕޯޓާއި، މުއްދަތު ހަމަނުވާ ޕާސްޕޯޓު ކާޑު އަދި މުއްދަތު ހަމަނުވާ ޑްރައިވިން ލައިސަންސް ކަމަށެވެ. އަދި ވޯޓްލާން ވަޑައިގަންނަވާއިރު އެހުރިހާ އެއްޗެހި ތަކުގެ ތެރެއިން ކޮންމެ އެއް ޑޮކިއުމެންޓެއްގެ އަސްލު ގެނައުމަށްވެސް ވިދާޅުވެފައިވެއެވެ.

ވޯޓުލާ މަރުކަޒުގައި މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ބޭނުން ކުރެވުނު ނަމަވެސް އެ ކާޑުގެ ޑިޖިޓަލް އައިޑީ ކާޑު ބޭނުން ނުކުރެވެއެވެ. ރާއްޖޭގައި މުޅިން އަލަށް ޑިޖިޓަލް އައިޑީ ކާޑުގެ ޚިދުމަތް މި ސަރުކާރުން ތައާރަފު ކުރީ މިދިޔަ މެއިމަހުގައެވެ.

އީސީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ފަހަރުގެ އިންތިހާބަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލޭ ސަރަހައްދުގައި 176 ފޮށި، އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި އަށް ފޮށި، ޖަލުތަކުގައި ފަސް ފޮށި އަދި ސިނާއީ ރަށްތަކުގައި 5 ވޯޓު ފޮއްޓެކެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިހާބެވެ.