ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާ ބައްދަލު ކުރެއްވުމަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ސެޕްޓެމްބަރު 8 ވަނަ ދުވަހު ރަޝިޔާއަށް ޒިޔާރަތް ކުރެއްވުމުގެ ފުރުސަތު ބޮޑު ކަމަށް ތުރުކީގެ އޮފިޝަލުންނާއި ހަވާލާދީ ބްލޫމްބާގުން ރިޕޯޓްކޮށްފިއެވެ.

ބްލޫމްބާގުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އުރުދުޣާން ރާއްވަވާފައި ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލުކޮށް ޔޫކްރައިނުގެ ގޮވާން އެގައުމުން ބޭރު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށެވެ. މިބައްދަލު ކުރެއްވުމަށްފަހު އުރުދުޣާން ދެން ދަތުރުކުރައްވަން ހަމަޖެހިފައިވަނީ އިންޑިއާގައި ބާއްވާ ޖީ20 ސަމިޓަށް ކަމަށްވެސް ބްލޫމްބާގުން ރިޕޯޓް ކުރެއެވެ.

ޔޫކްރައިނުން ގޮވާން ބޭރު ކުރާ ހުރިހާ ބަނދަރުތަކެއް ރަޝިޔާއިން ކޮންޓްރޯލް ކޮށްފައިވާއިރު، ރަޝިޔާއިން ބުނަމުން ދަނީ ރަޝިޔާގެ ޝަރުތުތަކަށް ޔޫކްރައިނާއި ހުޅަނގުން ބޯނުލަނބާ ކަމަށްވާނަމަ ޔޫކްރައިނުން ގޮވާން ބޭރު ކުރަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ޔޫކްރައިނުން ގޮވާން ހިފައިގެން ދަތުރުކުރާ ކޮންމެ ބޯޓަކަށް ހަމަލާދީ ފައްތާލާނެ ކަމަށްވެސް ރަޝިޔާއިން ވަނީ އިންޒާރު ދީފައެވެ.

ތުރުކީގެ ރިޔާސީ އޮފީހުގެ އޮފީހުން ވަނީ ބްލޫމްބާގް ރިޕޯޓާއި ބެހޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދާފަ އެވެ.

ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް މީގެ ކުރިން ވިދާޅުވެފައި ވަނީ ޕޫޓިން އާއި އުރުދުޣާންގެ ބައްދަލުވުން ވަރަށް އަވަހަށް ބާއްވަވާނެ ކަމަށެވެ. އެކަމަކު ވަކި ތާރިހެއް ހާމަކޮށްފައެއް ނުވެއެވެ.