ގއ. ވިލިނގިލި ކައިރީގައި އޮންނަ ފަޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައިދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ކޫއްޑޫ އެއާޕޯޓް ބޭނުން ކުރާނީ ޓްރޭނިން އެއާޕޯޓެއްގެ ގޮތުގައި ކަމަށެވެ.

މުއިއްޒު ގއ ވިލިނގިލީގައި

ތަރައްގީގެ ޕްލޭންގައި އެކަން އޮތް ގޮތަކީ މިހާރު ކޫއްޑޫގެ އޮތް އެއާޕޯޓަކީ ޓްރެއިނިން އެއާޕޯޓަކަށް ބަދަލުކޮށް، ވިލިނގިލީ ކައިރީގައި އޮތް އެކަފަރު ހިމެނޭ ގޮތަށް ވިލިނގިލީގައި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއް އަޅަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ވިލިނގިލި ކައިރީގައިވާ ފަޅު ހިއްކަން ފަށާނީ ވިލިނގިއްޔާ ގުޅުވައިގެން ކަމަށެވެ. އޭރުން ރަށުގެ ޒުވާނުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ގއ ވިލިނގިލީގައި

ގއ. އަތޮޅަށް 10،000 ޓޫރިސްޓު އެނދު ގެނައުމަށް މަސައްކަތް ކުރާނެކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ވިލިނގިލީގައި ހަދާ އެއާޕޯޓް އާއެކު ޓޫރިޒަމްވެސް ތަރައްގީ ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތް ކާމިޔާބުވުމަށް ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުން މުހިންމު ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.