ގއ.ކޮލަމާފުށީގައި ހިނގި ސިޔާސީ ޒުވާބެއްގައި އެމްޑީޕީ މީހަކު ޕީޕީއެމް މީހެއްގެ ލޯމަތީގައި ޖަހާ މާރާ މާރީ ހިންގައިފިއެވެ.

މިހާދިސާ ހިނގީ ރޭގެ ލަސްގަޑިއެއްގައިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށު ޕީޕީއެމް މީހަކާއި އެމްޑީޕީ މީހަކާއި ދެމެދު ހިނގި ސިޔާސީ ޒުވާބެއްގެ ތެރެއިން ހިނގި ހާދިސާއެއްކަމަށެވެ.ރައީސް ސާލިހާއި ރައީސް ޔާމީނާ ދެމެދު ހުރި ތަފާތު ދައްކައި ހިނގައިދިޔަ ހޫނު ޒުވާބުގައި އެމްޑީޕީ މީހާ ވަނީ ޕީޕީއެމް މީހާގެ ލޯ މަތީ ޖަހާފައެވެ.

އެމީހާ އޮތީ އިތުރު ފަރުވާއަށް މަރުކަޒުގައި އެޑްމިޓް ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ އެލޮލަށް ނުފެންނަ ކަހަލަ ކަމެއްދިމާވެގެން އިތުރު ފަރުވާއަށް ތިނަދޫ ނޫނީ ވިލިނގިއްޔަށް ފުރުވާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އަނިޔާ ވެފައިވަނީ އުމުރުން 35 އަހަރުގެ ޒުވާނަކަށެވެ.

މިހާދިސާ ހިނގާފައިވަނީ އެރަށު ބޮޑުމަގު ހަތަރު އަގޮޅި ކަންމަތީގައި ހަރުކޮށްފައި ހުރި މުއިއްޒުގެ 4 ނަންބަރު މޮނިއުމަންޓް ކައިރީގައެވެ. މިމޮނިއުމަންޓް ހަލާކު ކޮށްލުމަށްވެސް ބަޔަކު މަސައްކަތް ކޮށްފައިވާކަމަށްވެއެވެ.