ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، ލ. މާބައިދޫ އަދި މާވަށުގެ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަ ކޮށްދެއްވައިފިއެވެ.

ރައީސް މި މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވީ މިހާރު އެމަނިކުފާނު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ދެރަށަށް ވަޑައިގެންނެވެ.

އެމަނިކުފާނު މިއަދު ހެނދުނު ވަނީ މާބައިދުއަށް ވަޑައިގެން އެރަށު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފައެވެ. އަދި މާބައިދޫ އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތަކީ ކުރިޔަށްވުރެ ޖާގަތަނަވަސްކޮށް އަދި ބޭނުންވާ އިތުރު ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ކެޕޭސިޓީގައި 980 ކިލޯވޮޓްގެ އިންޖީނު ގެއެކެވެ.

އަދި މާވަށަށް ވަޑައިގެން އެމަނިކުފާނު ވަނީ މާވަށު ބަނދަރުގެ ބޭރުތޮށި އަޕްގްރޭޑްކުރުމުގެ މަޝްރޫއާއި އެރަށުގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކޮށްދެއްވާފައެވެ. ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. އަދި ބަނދަރު ގެ ބޭރުތޮށި އަޕްގްރޭޑްކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ. މި މަސައްކަތުގެ ދަށުން ނެރު ފުންކުރުމާއި ބޮޑުހިލަ ބޭނުންކޮށްގެން 284 މީޓަރުގެ ބޭރުތޮށި ލުމާއި، 110 މީޓަރުގެ އެއްގަމު ތޮށިޖެހުމާއި 40 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި ބަނދަރާ ގުޅެ އެހެނިހެން މަސައްކަތްވެސް ކޮށްފައިވެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ދަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ.