ޕީއެސްއެމް އާއި ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ބަހުސް އޮންނަ ތާރީހު ބަދަލު ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު (އަންނި)ގެ ދަ ޑިމޮކްރެޓްސްއިން ދެކޮޅު ހަދައިފިއެވެ.

ބަހުސް ބޭއްވުމަށް ހަމަޖެހިފައިވާ ތާރިހް ބަދަލު ކުރަން ދަ ޑިމޮކްރެޓްސްއިން ދެކޮޅު ހަދާފައި މިވަނީ، ބަހުސްގެ ތާރީހު ފަސްކޮށްދިނުމަށް އެމްޑީޕީން އެދިފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.

ޕީއެސްއެމް އާއި އެމްއެންޔޫއިން ކުރިން ނިންމާފައި ވަނީ ރިޔާސީ ބަހުސް ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ 21:00 ގައި ބޭއްވުމަށެވެ. އެމްޑީޕީއިން ދަނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ އެޕާޓީގެ ހާއްސަ ހަރަކާތެއް މާލޭގައި ބޭއްވުމަށް ތައްޔާރު ވަމުންނެވެ.

ބަހުސް ފަސް ކުރަން ދެކޮޅުކަން ޑިމޮކްރެޓްސްއިން ހާމަކުރީ އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. އިންތި ވިދާޅުވީ މިއީ ހަމައެކަނި ރައީސް އިބްރާހިމް މުޙައްމަދު ސާލިހް ބައިވެރިވެވަޑައިގަންނަވާ ބަހުސެއް ނޫން ކަމަށެވެ. އިންތި އިތުރަށް ވިދާޅުވީ ތާވަލާ އެއްގޮތަށް ބަހުސް ބޭއްވުމަށް އެޕާޓީއިން އެދޭ ކަމަށެވެ.