ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ހައްދުންމަތީ ހިތަދޫ ފެނަކަ އޮފީސް އިމާރާތާއި ފުޓުސަލް ދަނޑު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް މިތަންތަން ހުޅުއްވައި ދެއްވީ މިހާރު އެމަނިކުފާނު ހައްދުންމަތީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު އެރަށަށް ކުރެއްވި ޒިޔާރާތުގައެވެ.

އެމަނިކުފާނު ހުޅުއްވައިދެއްވި، ލ. ހިތަދޫ ފެނަކަ އޮފީސް އިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް އިމާރާތެކެވެ. އަދި މިއަދު ހުޅުއްވައިދެއްވި ހިތަދޫ ފުޓްސަލް ދަނޑަކީ މޯލްޑިވްސް އެޝުއަރ ސަޕްލައިއާ ހަވާލުކޮށްގެން ޓަރފް އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ފުޓްސަލް ދަނޑެކެވެ.

ހިތަދޫގެ ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވުމުގެ ތެރެއިން: ފޮޓޯ/ރައީސް އޮފީސް

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ކުޅިވަރު ކުޅެވޭނެ މަގުފަހިކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ.