މިސަރުކާރު ބަދަލުވެއްޖެނަމަ ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން ވަޒީފާތަކުން ކަނޑައި، ފަށާފައިވާ މަޝްރޫއުތައް ހުއްޓާލާނެކަމަށް ބުނެ ވެރިކަން ކުރާ އެމްޑީޕީއިން ދައްކަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގުވާހަކަތަކެއް ކަމަށާއި ވެރިކަމަށް ވަޑައި ގަންނަވާނީ ގައުމު ތަރައްގީ ކުރައްވަން ކަމުގައި އިދިކޮޅު ކޯލިޝަން ޕީޕީއެން އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރުކަންވެސް ކުރައްވަމުން ގެންދަވާ މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭންގައި ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަލިފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލިފުށްޓަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ބޯ ވިއްސާރަ ތެރޭގައި، މުއިއްޒަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މުއިއްޒު ވިދާޅުވީ އަލުފުށީގެ ތަރައްގީއަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލާނެކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަމުން ދާކަމަށެވެ.

"އަޅުގަނޑުމެން ވަޒީފާތަކުން މީހުން ކަނޑައި، މިރަށުގައިި ކުރިއަށްދާ އެއާޕޯޓްގެ މަސައްކަތް ހުއްޓާލާނެކަމަށް ބުނެ ހަގީގަތާއި ހިލާފު ވާހަކަދަނީ ދައްކަމުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ދޭނެ ޔަގީންކަމަކީ އެއްވެސް މަޝްރޫއެއް ނުހުއްޓޭނެކަން، އެއާޕޯޓްވެސް ތަރައްގީކޮށް އުމްރާނީ ތަރައްގީ ތިޔަބޭފުޅުން އެދޭގޮތަށް ގެންނާނީ އަޅުގަނޑުމެން،"
މުއިއްޒު

މުއިއްޒު ވަނީ އަލިފުށީ ރައްޔިތުން ބޭނުންވާ ތަރައްގީ ހާސިލުކޮށް ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މަސައްކަތް ކުރުމުގައި ފެންނާނީ އިހުލާސްތެރި ކަމާއިއެކު މަސައްކަތް ކޮށްދޭތަން ކަމަށާއި ހިޔާލު ތަފާތުވުން އެއްކައިރިކޮށް އެންމެން އެކަތިގަނޑަކަށްވެ މަސައްކަތް ކޮށްދެއްވުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

އަލިފުށްއްޓަށް މުއިއްޒުގެ ވައުދުތައް

  • ހޮސްޕިޓަލެއް ގާއިމް ކުރުން
  • ޒުވާނުންގެ ކުޅިވަރު ވަސީލަތްތައް ގާއިމް ކުރުން
  • ބިން ހިއްކައި ސިނާއީ މަސައްކަތްތަކަށް ހާއްސަ ކުރުން
  • ކުނިމެނޭޖް ކުުރެވޭނެ ނިޒާމެއް ގާއިމްކުރުން
  • ގެސްޓްހައުސް ވިޔަފާރި ފުޅާކޮށް ދިނުން
  • ބޭންކުގެ ބްރާންޗެއް ގާއިމްކުރުން