ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މއ. ހަނީސަކްލް-1/ 37 އަަހަރުގެ ހުސައިން ޝިފާއު، ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.
ވަގު ޓީޓީ ފޮނުވައިގެން ރާއްޖެއަަށް މޭވާއި ތަރުކާރީ އެތެރެކުރި މައްސަލައިގައި ފުލުހުން ޝިފާއު ހައްޔަރުކުރީ މި އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. ޝިފާއުގެ ބަންދަށް ފުރަތަމަ ޖެހީ 30 ދުވަހެވެ. އެއަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް މެއި 27 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ މުއްދަތު ކޮމިޓީއަށް ޝިފާއު ހާޒިރު ކުރުމުން "ފުލުހުން ހުށަހަޅާފައިވާ ހެކި ގަރީނާއަށް ބަލާއިރު އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނަ ކަމަށް" ބުނެ ބަންދުން ދޫކޮށްލީއެވެ.
ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފު ކުރަން ދައުލަތުން ހައިކޯޓަށް ހުށަހެޅިއިރު، ޝިފާއު ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އެހެންކަމުން ޝިފާއު މިހާރު އުޅޭ އެޑްރެސް ސާފުކުރުމަށް ހައިކޯޓުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލް، ޕީޖީ އޮފީހަށް އަންގާފައެވެ. އަދި މެއި މަހުގެ 29 ވަނަ ދުވަހު ޝިފާއު ރާއްޖެއިން ބޭރަށް ފުރާފައިވާކަން ހައިކޯޓަށް އެންގިއެވެ.
ޝިފާއު ދިރިއުޅޭ އެޑްރެސް ނޭނގޭ ކަމަށް ޕީޖީން ބުނެފައިވާތީ ހައިކޯޓުން ވަނީ ޝިފާއު މިހާރު ދިރިއުޅެމުންދާ އެޑްރެސް ހޯދަން ޕީޖީއަށް އަންގައިފައެވެ. އެ މައުލޫމާތު ސާފުކުރުމަށްފަހު އަލުން ޝިފާއުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ޕީޖީއަށް އޮންނާނެ ކަމަށް އެ ކޯޓުން ނިންމި އިޖުރާއީ ނިންމުމުގައިވެއެވެ.
ޝިފާއު ދޫކޮށްލަން ކޯޓުން އަމުރުކުރިއިރު، ދައުލަތުން އޮތީ 38 އަހަރުގެ ޖަލު ހުކުމެއް އަންނަވަރުގެ ދައުވާތަކެއް އޭނާގެ މައްޗަށް އުފުލައިފައެވެ.
އުފުލި ދައުވާތަކުގެ ތެރޭގައި ހިމެނެނީ:
- ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާ
- ގާނޫނުލްއުގޫބާތުގެ ދަށުން މަކަރާއި ހިލާތް ހެދުމުގެ ހަތް ދައުވާ
- މަނީ ލޯންޑަރިންގެ ހަތް ދައުވާ
ޕީޖީ އޮފީހުން ބުނި ގޮތުގައި ޝިފާއު އެ ކުށް ހިންގާފައިވަނީ އިތުރު މީހަކާ ބައިވެރިވެގެންނެވެ. ޝިފާއު ވަނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމަށްވާ "ކިންގްޑަމް އޮފް ފްރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުން ރާއްޖެއަށް މުދާ އެތެރެކޮށްފައެވެ. އެކަން އޭނާ ކުރީ، އެ މުދަލަށް ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެންނެވެ.
މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު 123،844.54 އެމެރިކާ ޑޮލަރު (1.9 މިލިއަން ދިވެހި ރުފިޔާ) އަށް އަރާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.