ލަންޑަން ( އޮގަސްޓް 29) - އެއާ ޓްރެފިކް ކޮންޓްރޯލް ސިސްޓަމްތަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ދުވަސްތަކެއް ނަގާނެ ކަމަށް އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް މިނިސްޓަރު މާކް ހާޕާ ވިދާޅުވެއްޖެ އެވެ.
ހާޕާ މިހެން ވިދާޅުވީ އެއާ ޓްރެފިކް ކޮންޓްރޯލް ސިސްޓަމްތަކަށް ދިމާވި މައްސަލައިގެ ސަބަބުން ގިނަ އަދަދެއްގެ ފްލައިޓް ކެންސަލް ކޮށްލަން ޖެހި އަދި ގިނަ އަދެއްގެ ފްލައިޓް ޑިލޭވެ އިނގިރޭސިވިލާތުގެ އެއަރޕޯޓްތަކުގައި އެތައް ސަތޭކަ ފަސިންޖަރުންނެއް މިއަދު ތަށީވެފައިވާ ދަނޑިވަޅެއްގައެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އިނގިރޭސި އެއަރ ޓްރެފިކް ކޮންޓްރޯލް ސިސްޓަމްތަކަށް ދިމާވި މައްސައަކީ ސައިބަރ އެޓޭކެއްގެ ސަބަބުން ދިމާވި މައްސަލައެކެވެ. އެކަމަކު އިނގިރޭސި އެއްވެސް އޮފިޝަލަކު މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
"އެއާލައިންތަކުން ބޯޓުތައް ލިބި، ހިދުމަތްތައް އާންމު ހާލަތަށް ގެނައުމުން އިތުރު ދެތިން ދުވަސް ވާނެ ކަމަށް އަޅުގަނޑަށް ލަފާ ކުރެވޭ" ހާޕާ މިއަދު ބީބީސީއަށް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ އެންމެ ބިޒީ ހަބް ކަމަށްވާ ހީތުރޯ އެއާޕޯޓުން ބުނީ ކުރިން ޓްވިޓާގެ ނަމުން މަޝްހޫރު އެކްސް އިން ދަތުރުކުރާ ފަސިންޖަރުން އެއާޕޯޓަށް ދަތުރު ކުރުމުގެ ކުރިން އެމީހުންގެ އެއާލައިނާ ގުޅުމަށް އެދޭ ކަމަށެވެ.
އެއާލައިންތަކުން ބުނެފައި ވަނީ ވީހާވެސް ގިނަ މީހުން އުފުލުމަށް މަސައްކަތް ކުރުމަށް ޝެޑިއުލްތަކަށް ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި ނަމަވެސް ބައެއް ބޯޓުތަކާއި ފަޅުވެރިން އޮކްމޮޑޭޓް ކުރާނެ ތަންތަން ލިބެން ނެތް ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ ވީހާވެސް ބުރަކޮށް މަސައްކަތް ކުރަމުން ތާށިވެފައި ތިބި ފަސިންޖަރުން މަންޒިލްތަކަށް އުފުލުމަށް" ބްރިޓިޝް އެއާވޭސް އިން ކުރި ޓްވީޓެއްގައި ބުންޏެވެ.