ކަނބާ އައިސާ ރަނިހިނގުމުގައި ފެންބޮޑުވެފައިވާ ފޮޓޯ އަކީ އިއްޔެގެ ފޮޓޯއެއް ނޫން ކަމަށް މާލެ ސިޓީ ކައުންސިލް ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފް ރައްދު ދެއްވައިފިއެވެ.

ޝަމާއު މިހެން ވިދާޅުވެފައިމިވަނީ މާލެ ސިޓީ ކައުންސިލާއި ރޯޑް ކޯޕަރޭޝަން ގުޅިގެން ހިންގާ މާލެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން ކަނބާއައިސާ ރަނި ހިނގުމުގައި ހިންގި މަޝްރޫޢުގެ ސަބަބުން އެ މަގުގައި ދެން ފެންބޮޑުނުވާނެ ކަމުގައި ބުނެފައިވަނިކޮށް އެ މަގުގައި ފެންބޮޑުވެފައިވާ ފޮޓޯއެއް ސޯސަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެންނެވެ.

މިފޮޓޯއާއި ގުޅިގެން ޝަމާއު ވިދާޅުވީ އިއްޔެގެ އެއްވެސް ވަގުތެއްގައި ދަނޑާއި އިއްވެގެން އޮތް ޕާކިން ޒޯނު ހުސްކޮށް އޮތްވައި ނުފެންނަ ކަމަށެވެ. އަދި މުއިއްޒު ހިއްސާ ކުރެއްވި ފޮޓޯއަކީ އިއްޔެގެ ފޮޓޯއެއް ކަމަށް ޝަމާއު ވަނީ ވިދާޅުވެފައެވެ.

ތިޔަ ފޮޓޯގައި ހަމަ އެންމެ ސައިކަލެއް ވެސް ނެތް. ތީކީ އިއްޔެގެ ފޮޓޯއެއް ނޫން.
ޝަމާއު

ކަނބާ އައިސާރަނި ހިނގުމުގެ ބައެއް ތަރައްޤީކޮށް ސަރުކާރުން ވަނީ އެމަޝްރޫޢުގެ ނިމުން ފާހަގަކޮށްފައެވެ. މާލޭ ރޯޑްސްކޭޕިންގްގެ ދަށުން ތަރައްޤީކުރި ކަނބާއައިސާ ރަނިހިނގުން ޚާއްޞަ ހިނގާލުމަކުން ހުޅުވާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ.