ޕްރޮފެޝަނަލް ފުޓްބޯލަރސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި މިދިޔަ ސީޒަނުގެ އިނގިރޭސިވިލާތުގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް މެންޗެސްޓަރ ސިޓީގެ ނުރައްކާތެރި ފޯވާޑް ނޯވޭގެ އާލިންގ ހާލަންޑަށް ލިބިއްޖެއެވެ.

ޖަރުމަނުގެ ބްރޯޝިޔާ ޑޯޓްމަންޑް ދޫކޮށް މިދިިޔަ ސީޒަނުގައި މެންޗެސްޓަރ ސިޓީއާ ގުޅުނު ފޯވާޑް ހާލަންޑް ވަނީ މިދިޔަ ސީޒަނުގައި މެންޗެސްޓަރ ސިޓީއިން 3 ތަށި ކާމިޔާބު ކުރިއިރު، ސީޒަނުގައި 52 ދެލަނޑު ޖަހައިގެން މުހިއްމު ދައުރެއް އަދާކޮށްފައެވެ. ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ ސީޒަނުގައި ހާލަންޑް ވަނީ 36 ލަނޑު ޖަހައިގެން، ޕްރިމިއަރ ލީގުގައި ތާރިހުގައި އެއްސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑްވެސް މިދިޔަ ސީޒަނުގައި ހަދާފައެވެ. ކުރިން މިރެކޯޑް އޮތީ 94-1993 ސީޒަނުގައި 34 ލަނޑު ޖަހައިގެން އެންޑީ ކޯލް އަދި 95-1994 ސީޒަނުގައި 34 ލަނޑު ޖަހައިގެން އެލަން ޝިއަރާ އަތުގައެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމަށް ހާލަންޑާ އެންމެ ބޮޑަށް ވާދަކުރީ ޓޮޓެންހަމްއަށް ދޫކޮށް މިސީޒަނުގައި ބަޔާން މިޔުނިކަށް ބަދަލުވެފައިވާ އިތުބާރު ފޯވާޑް ހެރީ ކޭންއެވެ. ތިންވަނައަށް ދިޔައީ ސިޓީގެ މެދުތެރޭގެ މައިތަނބު ކެވިން ޑިބްރޭނާއެވެ.