އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދިރާގު ހެޑް އޮފީހުގައި ފަޔަރ އިވެކުއޭޝަން ޑްރިލްއެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގައި ދިރާގުގެ ހެޑް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަން ޖެހޭނެ ގޮތްތައް ޢަމަލީގޮތުން ވަނީ ފަރިތަކޮށްފައެވެ. މިގޮތުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ޚިދުމަތް ހޯދުމަށް އައިސް ތިބޭ މީހުން ސަލާމަތްތެރި ހިސާބަކަށް ގެންދާނެ ގޮތްތައް ފަރިތަކޮށްފައިވައިކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

ފަޔަރ އިވެކުއޭޝަން ޑްރިލްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންނެވެ.

މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި އެ އޮފީހުގައި މަސައްކަތްކުރައްވާ 200 ވަރަކަށް މުވައްޒަފުން ބައިވެރިވިއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހިންގާ ފަޔަރ އިވެކުއޭޝަން ޑްރިލްތަކަކީ ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަންޖެހޭނެ ގޮތްތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ ޑްރިލްތަކެކެވެ.