މި ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ފާރިސް މައުމޫން، ރިޔާސީ ކެމްޕެއިންގެ ދަތުރުތަކުގެތެރެއިން ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް ދަތުރު ފަށްޓަވައި، އެއަތޮޅު ކުޅުދުއްފުށްޓަށް ވަޑައިގެންފިއެވެ.
ފާރިސް، އިއްޔެގެ ވަގުތެއްގައި ކުޅުއްފުށްޓަށް ވަޑައިގެންފައިވާއިރު، މި ދަތުރުފުޅުގައި މަކުނުދޫ އާއި ނޮޅިވަރަމަށްވެސް ވަޑައިގަންނަވާނެ ކަމަށް ފާރިސްގެ ކެމްޕެއިން އޮފީހުން މައުލޫމާތު ދެއެވެ. އަދި މިއަދު ހަނިމާދޫއަށް ވަޑައިގަންނަވާނެ ކަމަށްވެސް އެއޮފީހުން ވަނީ ބުނެފައެވެ.
ކުޅުދުއްފައްޓަށް ވަޑައިގެން ފާރިސް ވަނީ ދޮރުންދޮރަށް ހިންގަވާ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އަދި ސަރުކާރުގެ ބައެއް އިދާރާތަކަށް ވެސް ފާރިސް ވަނީ ޒިޔާރަތްކުރައްވާފައެވެ.
މިދަތުރުފުޅުގައި ޝަހީދު ހުސައިން އާދަމްގެ މަންމަ އާއި އާއިލާގެ މެންބަރުންނާވެސް ފާރިސް ވަނީ ބައްދަލުކުރައްވައި، ހުސައިން އާދަމްގެ ބައްޕާފުޅު ދާދި ފަހުން ނިޔާވެފައިވާތީ އެއާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް ވަގުތު ކުޑަތަންވެފައިވާއިރު، ފާރިސް ހުށަހަޅުއްވާފައިވާ މެނިފެސްޓޯގައި ހިމެނޭ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުގެ މަސައްކަތްތައްވެސް ގެންދަވަނީ ކުރައްވަމުންނެވެ.
ރައްޔިތުންނާ ބައްދަލުކޮށް ތާއީދު ހޯއްދެވުމުގެ މަސައްކަތްތަކުގެ ތެރެއިން، ފާރިސް ގެންދަވަނީ ހުދު އަމިއްލަފުޅަށް ގޭގެއަށް ޒިޔާރަތް ކުރައްވައި، އާއިލާތަކުގެ ހާލަތު އަޑުއައްސަވަމުންނެވެ.
ފާރިސްގެ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއް ސިޔާސަތަކީ، "އިސްލާހީ ބަދަލުތަކުގެ ސަބަބުން ގެންނަ އިގްތިސާދީ އިންގިލާބު" އެވެ.
ސަރުކާރުތަކުގެ މެނިފެސްޓޯއާއި ސިޔާސަތުތަކާއި، ތަރައްގީގެ މަޝްރޫއުތަކަކީ ގައުމީ ތަރައްގީގެ ޕްލޭންގެ ލަނޑުދަނޑިތަކާ އެއްގޮތަށް އެކުލަވާލާ ޑޮކިޔުމަންޓްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ދިގުރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލައި, ރައްޔިތުންގެ ރިފަރެންޑަމްއަކުން ފާސް ކުރުމަށް މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.
މީގެއިތުރުން ފާރިސްގެ މެނިފެސްޓޯގައި ހިމެނޭ ބައެއްކަންތައްތަކުގެ ތެރޭގައި:
- އާންމު ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ އަދަދު ލުއިފަސޭހަ ކުރުން
- ރާއްޖޭގެ ޓެކްސް ސިސްޓަމް ރިވިއުކޮށް ޖީ.އެސް.ޓީ %3 އަށް ތިރިކުރުން
- އެތެރެ ކުރާ ބާއްވަތްތަކުން ނަގާ ޑިޔުޓީ އުނިކުރުން
- ރަށު ކައުންސިލަށް ސީދާ އާމްދަނީ ލިބޭނެގޮތް ފުޅާކުރުން
- ޔޫޓިލިޓީ ކުންފުނިތައް ރަށުކައުންސިލު ދަށަށް ގެނައުން