ރިޔާސީ އިންތިހާބުގެ ޝަކުވާތައް ބަލައިގަތުމަށްޓަކައި އަތޮޅުތަކުގައި ކޮމްޕްލެއިންސް ބިއުރޯ މިއަދު ގާއިމުކޮށްފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ޝަކުވާ ބަލައިގަތުމަށް އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯ އާއި ކޮންމެ އަތޮޅެއްގައި އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ މިއަދުން ފެށިގެން ގާއިމުވެގެންދާނެ ކަމަށެވެ.

ހަބީބް ވިދާޅުވީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ޝަކުވާ ހުށަހަޅާނީ ޝަކުވާ ފޯމުން ކަމަށާއި ޝަކުވާ ފޯމު ކޮމްޕްލެއިންޓްސް ބިއުރޯގެ އިތުރުން ކައުންސިލްތަކުގެ އިދާރާތަކުން ލިބޭނެ ކަމަށެވެ. އަދި ޝަކުވާ ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ފެށިގެން މެންދުރުފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ޝަކުވާތައް ބަލައިގަތުމަށް އިންތިހާބާބެހޭ މަރުކަޒު ދަރުބާރުގޭގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ގައުމީ ކޮމްޕްލެއިންޓްސް ގާއިމުކޮށް ދަނީ ޝަކުވާ ބަލައިގަންނަމުންނެވެ.

އިންތިހާބާއި ގުޅޭ ޝަކުވާތައް ހުށަހަޅަން ބިއުރޯތައް ކަނޑައެޅި އިއްޔެ ބޭއްވި ޕްރެސްގައި އިދިކޮޅި ޕްރޮގްރެސިވް ކޯލިޝަން ވަނީ އިންތިޚާބު މިނިވަން ކަމާއި އިންސާފުވެރި ކަމާއިއެކު ބޭއްވުމަށް އިލެކްޝަނުން ކުރަންޖެހޭ މަސައްކަތް ނުކުރާކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.