ރައީސް ސާލިހު މިއަދު ގދ. ތިނަދޫއަށް ކުރައްވާ ދަތުރުފުޅުގައި، މިރޭ އެރަށުގައި ބާއްވާ ކެމްޕޭން ޖަލްސާގައި ދިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިކަން ސީދާ އެންމެ ސައްހަކޮށް ޔަގީން ނުވިކަމުގައި ވިޔަސް ރައީސް ސާލިހު މިކަން އިއުލާން ކުރެއްވުމަށް ހަމަޖެހިފައިވަނީ މިރޭ އެރަށުގައި ބާއްވާ ރައީސް ސާލިހުގެ ކެމްޕޭން ޖަލްސާގައިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް ސާލިހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުންދާ ކެމްޕޭން ދަތުރުފުޅުތަގައި އެންމެފަހުން ވަޑައިގެންފައިވަނީ ލ. އަތޮޅުގެ ރަށްތަކަށްށެވެ. އޭގެ ކުރިން ރައީސް ސާލިހު ރާއްޖޭގެ ގިނަ ރަށްތަކަށް ދަތުރު ކުރައްވާފައިވާއިރު، ހުވަދޫ އަތޮޅުގެ ގިނަ ރަށްތަކަށްވެސް ވަނީ ދަތުރު ކުރައްވާފައެވެ. އެހެންނަމަވެސް ހުވަދޫ އަތޮޅުގެ ރަށްތަކުން މިހާތަނަށް ރައީސް ސާލިހު ވަޑައިގެންފައި ނުވާ ހަމައެކަނި ރަށަކީ ގދ. ތިނަދޫއެވެ.

ތިނަދޫއަށް މިރޭ ރައީސް ސާލިހު ސިޓީއެއްގެ ދަރަޖަށް ދިނުމަށް ހަމަޖެހިފައިވޭތޯ ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާ ގޮތް ގާނޫނުގައި އެބައޮތް ކަމަށާއި، ތިނަދޫއަށް ސިޓީއެއްގެ ދަރަތަ ދޭކަމަށްވާނަމަ އެ ދަރަޖަ ލިބިގެންދާނީ ގާނޫނުގައިވާ ހަމަތަކުގެ ތެރެއިން ކަމުގައެވެ.

"ރަށެއް ސިޓީއަކަށް ބަދަލުވާނެގޮތް ގާނޫނުގަ އެބައޮތް. އޭގެ ހަމައިގެ ތެރެއިން އަޅުގަޑު ކުރާކަމެއް ކުރާނީ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ އަޅުގަޑު ދޭކަމަށް ވާނަމަ، އަޅުގަޑު ދޭނީ ގާނޫނީގޮތުން އެ ހަމަވާންޖެހޭ ކަންތައްތައް ހަމަވީމަ. އެ ހުރިހާ މަރުހަލާއެއް ފުރިހަމަވެފަ އޮވެއްޖެއްޔާ އެކަން ވާނެ،"
ރައީސް ސާލިހު

ފާއިތުވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެރަށަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ ދެން އެމަނިކުފާނު ތިނަދޫއަށް ވަޑައިގަންނަވާނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވުމަށް ކަމުގައެވެ.

މިއަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު ތިނަދޫ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ ރިޔާސީ ޕްރައިމަރީ އަށް ފަހު ލަސްތަކެއް ނުވެ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ބާއްވާ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށެވެ. ކަން މިހެން އޮތުމާއެކު ތިނަދޫއަށް މިރޭ ރައީސް ސާލިހު ކުރައްވާ ދަތުރުފުޅަކީ ހާއްސަ ތާރީހީ ދަތުރުފުޅަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.