އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގައި އޮންނަ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން ރަށްރަށަށްދާ ފުލުހުން ފުރަން ފަށައިފިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ބުނީ ރޭ ފަތިހުން ފެށިގެން މާލެއިން ފުރަންފަށާފައިވަނީ އުތުރުގެ އަތޮޅުތަކުގެ ރަށްރަށަށްދާ ފުލުހުން ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ރަށްރަށަށް ދާ ފުލުހުން ފުރާނީ މި މަހު 31 ވަނަ ދުވަހުކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން ބުނީ ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން ހަރަކާތްތެރި ވަމުންދާނެކަމަށެވެ. އަދި އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި އެ ރަށަކަށް ފޮނުވުމަށް ފުލުހުންގެ ޓީމެއް ކޮންމެ ރީޖަނެއްގައި ވެސް ވަނީ ގާއިމުކޮށްފައިކަމަށެވެ.

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނީ ފުލުހުންގެ ގާނޫނުން ފުލުހުންނަށް މަތިކޮށްފައިވާ ތަމްރީނުތަކާ އެކުގައެވެ. އަދި އިންތިހާބާ ގުޅޭގޮތުން ދޭންޖެހޭ އެހެނިހެން މައުލޫމާތުވެސް ފުލުހުންނަށް ވަނީ ފޯރުކޮށްދީފައިކަމަށްވެސް ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ފުލުހުން ދުރާލައި ތައްޔާރީތައް ވެފައިވާއިރު، އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ވޭވް'' ގެ ކޮމާންޑަރުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އޮޕަރޭޝަން ކޮމާންޑަރަކަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު ހަމަޖައްސާފައިވާއިރު ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހަމަދު މުސްލިމްއެވެ.