މ.މުއްޔާއި އެ އަތޮޅު ނާލާފުއްޓާ ދެމެދު ކޯޒްވޭ އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުގޮތުގައި މި މަޝްރޫއުގެ ދަށުން 565 މީޓަރުގެ ކޯޒްވޭއެއް އަޅާއިރު މި ކޯޒްވޭގެ ތިން ސެގްމެންޓެއްގައި 105 މީޓަރުގެ ބްރިޖެއް ހެދިގެންދާނެއެވެ. މި މަޝްރޫއުގެ ދަށުން ކޯޒްވޭގެ މަގުތައް ހަދައި ތާރު އެޅުމަށް ހަމަޖެހިފައިވާއިރު 112 މީޓަރުގެ ރިވެޓްމަންޓް އަދި 15 މީޓަރުގެ ގްރޮއިން ޖެހުމަށް ވަނީ ނިންމާފަ އެވެ. އެމްޓީސީސީއަށް މި މަޝްރޫއު ހަވާލުކުރީ 125.5 މިލިއަން ރުފިޔާއަށް 600 ދުވަހުން ނިންމާ ގޮތަށެވެ.

މުލި-ނާލާފުށި ކޯޒްވޭއަކުން ގުޅާލުމަށް 2018 ވަނަ އަހަރުގެ ރިޔާސީ މެނިފެސްޓޯގައިވެސް ހިމެނިއެވެ. އެގޮތުން 2022 ވަނަ އަހަރުގެ ބަޖެޓުގައިވެސް މުލި ނާލާފުށި ކޯޒްވޭގެ މަޝްރޫއު ހިމަނާފައިވެއެވެ.