އދ. މަންދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ހިދުމަތް މިއަދު އިފުތިތާހުކޮށްފިއެވެ.

މަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމަކީ 17 އޮގަސްޓް 2016 ގައި އެ ރަށު ކައުންސިލާއި އައިކެއާ ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރި ސީއެސްއާރު އެއްބަސްވުމެއްގެ ދަށުން ގާއިމުކޮށްފައިވާ ނިޒާމެކެވެ. އެ ނިޒާމުގެ މަސައްކަތް އައިކެއާ އިން ނިންމައި މަންދޫ ކައުންސިލާ މިއަދު މިވަނީ ހަވާލުކޮށްފައެވެ. އަދި މަންދޫ ކައުންސިލުން ވަނީ އެ ހިދުމަތް އެ ރަށުގައި ދިނުމަށްޓަކައި ސްޓެލްކޯއާ ހަވާލުކޮށްފައެވެ.

މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފުތިތާހު ކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި އައިކެއާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ޑރ. އަބްދުﷲ ޒާހިރު އަދި މަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިންއެވެ.

މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާ ހަވާލުކުރި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝަރީފެވެ. މަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިންއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވަނީ މިރަސްމިއްޔާތުގައި ސަރުކާރާއި ސްޓެލްކޯގެ ނަމުގައި އައިކެއާއަށް ޝުކުރު އަދާކުރައްވާފައެވެ. ޝަރީފު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ކުދި އާބާދީތަކަށް ތަރައްގީ ގެނެވޭނެ ނިޒާމަކީ ފެނާއި ނަރުދަމާގެ މަސައްކަތްތައްކަމަށެވެ. އެހެންނަމަވެސް ހަމަ އެކަނި ސަރުކާރާއި ސަރުކާރާއި ގުޅިފައިވާ ފަރާތްތަކަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ތަރައްގީ ކުރަންޖެހޭ ވަރަށް އެފަދަ މަސައްކަތްތައް ތަރައްގީ ނުކުރެވިދާނެ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯއާ ހަމައަށް އެ ޕްރޮޖެކްޓް އައި އިރު، ރިކުއާމަންޓަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ މި ވަގުތު ގާއިމުކޮށްފައިވާ ސިސްޓަމުގައި ދިހަ ޓަނުގެ ދެ އާރޯ ޕްލާންޓާއި 74 ޓަނުގެ ދެ ސްޓޯރޭޖް ހުރުމުން ހަވާލުވުމުގެ ކުރިން ކުރަންޖެހޭ ބައެއް ކަންކަން ހުރެ، ހަވާލުވުން ލަސްވި ނަމަވެސް މިހާރު އެކަންކަން ވަނީ ހައްލުކޮށްފައިކަމަށެވެ.

ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ބަލާއިރު ދުވާލަކަށް 35 ޓަނު ބޭނުންވާނެ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް މި ވަގުތު ގާއިމުކޮށްފައިވާ ނިޒާމުން އުފެއްދެނީ 20 ޓަނު ކަމަށްވެސް ޝަރީފް ވަނީ ހާމަކުރައްވާފައެވެ. އަދި އެހިދުމަތް ހުއްޓުނަ ނުދެއްވާނެކަމަށާއި ރައްޔިތުންނަށް ބޭނުންވާ އެ ހިދުމަތް އިތުރަށް ފުޅާކޮށް، ހުއްޓުމެއް ނެތި ދިނުމުގެ ޒިންމާ ސްޓެލްކޯއިން ނަގާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި، ފެނާއި ނަރުދަމާގެ ހިދުމަތް ހުރިހާ ރަށަކަށް ދިނުމަށް ނިންމާ އެ މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ބޭނުންވާ ވަރަށްވެސް ބޮޑު އަސާސީ ހިދުމަތަކަށްވާތީ ކަމަށް ކައުންސިލުގެ ނައިބް ރައީސް އިބްރާހިމް ހުސައިން ވަނީ ވިދާޅުވެފައެވެ. އަދި އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ނިންމައި އެ ހިދުމަތް ދޭން ފެށުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފުގެ ވަރަށް އިހުލާސްތެރި މަސައްކަތްތަކަކާ އެކުގައި ކަމަށް ވެސް ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ހުސައިން ވަނީ ވިދާޅުވެފައެވެ.