ކުރިއަށް އޮތް ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި، ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބަށް މަރުގެ އިންޒާރު ދިން މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފިއެވެ.

އިލްޔާސް ލަބީބަށް މަރުގެ އިންޒާރު ދީފައިވާކަމުގެ މައުލޫމާތު ދެއްވީ ދަ ޑިމޮކްރެޓްސް ތަރުޖަމާނު އިމްތިޔާޒް ފަހުމީއެވެ. އެޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްތިޔާޒު ފަހުމީ ވިދާޅުވީ، އިލްޔާސަށް މަރުގެ އިންޒާރު ދިނީ ސޯޝަލް މީޑިއާގައި ކަމަށާއި އިންޒާރު ދީފައިވަނީ ޓުވިޓާގައި ހަރަކާތްތެރިވާ "ރޯނު އެދުރު 813″ ނަމަކަަށް ކިޔާ އެކައުންޓަކުން ކަމަށެވެ. އަދި އިންޒާރު ދީފައިވަނީ އިލްޔާސަށާއި، ދަ ޑިމޮކްރެޓްސްޕާޓީއާއި ކެމްޕޭނަށް ކަމަށްވެސް އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ.

ޓެރަރިޒަމްގެ މައްސަލަތަކަކީ ބިރުވެރި މައްސަލަތަކެއްކަން ފާހަގަކުރައްވައި އިމްތިޔާޒް ވިދާޅުވީ މިއީ އާދައިގެ މައްސަލައެއްގެ ގޮތުގައި ނެގެން ނެތް ކަމުގައެވެ. ވުމާއެކު، އެ މައްސަލަ މިއަދު ހުށަހަޅުއްވާނެ ކަމަށްވެސް އިމްތިޔާޒު ވަނީ ވިދާޅުވެފައެވެ.

"އެ ޓުވީޓުގައި އިންނަނީ ބޮމެއް ދައްކާފައި. މި ހަމަލާ އެބަ އަންނަ ކަމުގެ އިންޒާރު. އަދި ވަކި މުއްދަތެއް ވެސް ބުނެފައެއް ނުވޭ. އަދި އޭގެ ފަހުން އޭނާ ކޮށްފައި ހުރި ޓުވީޓުތަކުގައި ވެސް ހަމަ އިންޒާރު. ދީނާ ގުޅުވައި މުރުތައްދުވެއްޖެ ކަމަށް ބުނެ މަރުގެ އިންޒާރުތަކުގެ ޓުވީޓުތަކެއް ކޮށްފައި ވަނީ،"
އިމްތިޔާޒް ފަހުމީ

އިމްތިޔާޒް ވިދާޅުވީ ޓެރަރިޒަމްގެ އެންމެ ބޮޑު ޝިކާރައަކަށްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި މީގެ ކުރިންވެސް މިފަދަ މައްސަލަތައް ނުބަލާކަން ހާމަވެފައިވާކަމަށެވެ.

މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އިލްޔާސް ލަބީބުވެވެސް ވަނީ ދަންނަވާފައެވެ.