ޑޮމެއިން އާ ގުޅޭ މުއާމަލާތް ހުއްޓާލުމަށް ރައީސް އޮފީހުން ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގައިފިއެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިދިޔަ އާދިއްތަ ދުވަހު ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޑޮމެއިން ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭ ގޮތަކަށް، ގަވައިދާ ހިލާފަށް ޑޮމެއިން ވިއްކާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެއްގަމު އުޅަނދުގެ ޑޮމެއިން ވިއްކުމާ ގުޅޭ މައްސަލަ ހައްލުކުރުމަށް ކޮމިޓީއެއް ކަނޑައަޅާފައި އޮންނަންވާނެ ކަމަށް ލަފާދީފައި ވީނަމަވެސް އެ ކޮމިޓީ އެކުލަވާލާފައިވާކަން އެނގިވަޑައިގެންފައި ނުވާކަމަށް ސިޓީގައި ބުނެފައިވެއެވެ.
ރައީސް އޮފީހުން ޓްރާންސްޕޯޓް މިިނިސްޓްރީއަށް އަންގަވާފައި ވަނީ ފާހަގަ ކުރެވިފައިއެވާ ކަންކަމާ ގުޅިގެން ޑޮމެއިންތަކުގެ ތަފްސީލު ފޮނުވައި ވަކި ގޮތެއް އަންގަންދެން އޭގެ މުއާމަލާތުތައް ހުއްޓާލުމަށެވެ.
ޑޮމެއިންގެ މައްސަލަ މި ގޮތަށް ހާމަވެގެން ދިޔައީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްގަނީ ކޮރަޕްޝަނާ ގުޅޭ އެކި ތުހުމަތުތައް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށް ކުރައްވައި ޓުވިޓާގައި އާއްމުކުރައްވާފައިވާ ސިޓީއަކަށްފަހުއެވެ.
ފަހަކަށް އައިސް މާލޭގެ އެކި ގްރޫޕްތަކުގެ ޒުވާނުންނާއި އެހެނިހެން ވެސް ބައެއްކަހަލަ އަމިއްލަ ފަރާތްތަކުގެ ދުއްވާ ސައިކަލު ކާރުފަދަ ތަކެތީގައި (ޕްރައިވެޓް ނަންބަރުބޯޑުތަކަށް) ހުންނަނީ ޑޮމެއިން ނަންބަރުތައް ކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ.