މިނިވަން، އިންސާފުވެރި ރިޔާސީ އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ފަރާތުން ކުރަންޖެހޭ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އެ ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގު ދެއްވައިފިއެވެ.

އެކްސް.ކޮމްގައި މިއަދު ކުރެއްވި ޓުވީޓެއްގައި، އަންނަ މަހުގެ 09 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އިންސާފުވެރިވާނެތޯ، އާންމު ރައްޔިތެއް ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވީ، އެންމެންގެ ބައިވެރިވުމާއިއެކުގައި، އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އީސީގެ ފަރާތުން ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށެވެ.

އީސީ އިން ހާމަކޮށްފައި ވާގޮތުގައި، 280،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ. އަދި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު މި އިންތިހާބުގައި އޮފިޝަލުން ހިމެނޭހެން 6،772 މުވައްޒަފުން މަސައްކަތް ކުރާނެއެވެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.