މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ގޯތީގެ ރަޖިސްޓަރީއަށް، އެގޯތި އިމާރާތްކުރުމަށް ސޮވެރިން ގެރެންޓީ ދޭނެކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ސަރުކާރުން ގޯތި ލިބުނު ހުރިހާ ރައްޔިތުންނަށް، އެއީ ހުޅުމާލެ، ގުޅީފަޅު ނުވަތަ ގިރާވަރުން ލިބުނު ކަމުގައިވިޔަސް، އެތަންތަން ބިނާކޮށްދެއްވާނެކަމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ގެ ޗެއާމަންގެ މަގާމުގައިވެސް ހުންނެވި، ރިޔާސީ ކެންޑިޑޭޓް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތަކަށް އޮންނާނީ ގޯތީގެ ރަޖިސްޓަރީ ހިފައިގެން ދިޔުމުން، ސަރުކާރުގައި ސޮވަރިން ގެރެންޓީ ދީފައި އެ މީހަކަށް ބޭނުންވާ ލޯނު ދޫކުރާގޮތަށް ކަމަށެވެ.

މިކަންތައް ކުރިއަށް ގެންދާނެ ގޮތްވެސް ނާޒިމް ވަނީ ކިޔައިދެއްވާފައެވެ. އެގޮތުން މިކަންތައް ދާނީ، އިސްލާމިކް ފައިނޭންސްގެ ތެރެއިންކަމަށާއި، ގޯތީގެ ވެރިފަރާތާއި، ބޭންކާއި އަދި ކޮންޓްރެކްޓަރާ ތިން ބައި މީހުންގެ މެދުގައި އެގްރިމެންޓެއް ހެދޭނެކަން ހާމަކުރައްވައި ނާޒިމް ވިދާޅުވީ އެކަންތައް ކުރިއަށް ގެންދާނީ ގޯތި ލިބުނު މީހާއަށް ގެދޮރު އިމާރާތްކުރެވޭނެ ގޮތަކަށް ކަމަށެވެ.

"އަޅުގަނޑުގެ ސިޔާސަތަކަށް އޮންނާނީ ގޯތީގެ ރަޖިސްޓަރީ ހިފައިގެން ދިޔައީމާ އަޅުގަނޑުމެންގެ ސަރުކާރުގައި ސޮވަރިން ގެރެންޓީ ދީފައި އެ މީހަކަށް ބޭނުންވާ ލޯނު ދޫކުރާ ގޮތަށް. އިސްލާމިކް ފައިނޭންސްގެ ތެރެއިން އެ މީހާ އާއި ބޭންކާއި އަދި ކޮންޓްރެކްޓަރާ ތިން މީހުން ޓްރައިޕާޓީ އެގްރީމަންޓެއްގެ ތެރެއިން އެ މީހާ އަށް ގެދޮރު ބިނާކުރެވޭނެ އުސޫލެއް ހަމަޖައްސާނީ،"
ނާޒިމް

ނާޒިމް ވިދާޅުވީ، އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި، އެކި ސަރުކާރުތަކުން ތަފާތު އެކި ވިޔަފާރިވެރިންނަށް 130 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީ ދީފައިވާއިރު، ރާއްޖޭގެ އާންމު ރައްޔިތުން ގެދޮރު ބިނާކުރުމަށްވެސް ސަރުކާރުން އެ ގެރެންޓީ ދޭން ޖެހޭނެ އެވެ.

ހަމައެހެންމެ، އެމަނިކުފާނަށް ގަބޫލުކުރެއްވޭ ގޮތުގައި އިސްލާމިކް ފައިނޭންސްގެ ތެރެއިން، ގެދޮރު އިމާރާތްކުރުމަށް ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭން ޖެހޭނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ގޯތި ލިބުނު މީހަކަށް އަދި ރާއްޖެތެރޭގައި ގޯތި އޮތް މީހަކަށް ގެދޮރު އެޅޭ ގޮތަށް އަޅުގަނޑު ބޭންކުގެ ތެރެއިން އިންތިޒާމު ހަމަޖައްސާނަން،"
ނާޒިމް

މި ސަރުކާރާއި ކުރީގެ ސަރުކާރުތަކުން ބޯހިޔާވަހިކަމަށް ގެންގުޅެފައިވާ އުސޫލުތަކަށް ފާޑުވިދާޅުވަމުން، ނާޒިމް ވިދާޅުވީ މި ސަރުކާރާއި ކުރީގެ ސަރުކާރުތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައި ނުވަނީ، އެކަން ކުރަން ނޭނގޭތީކަމަށެވެ. އެމަނިކުފާނުގެ ސަރުކާރެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ވައުދުވެ، ފަސް އަހަރު ނިމިގެންދާއިރު އެކަން ނުކުރެވި ނޯންނާނެކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.