ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވައުދުވެ ވަޑައިގެންނެވި ގޮތަށް މުޅި ރާއްޖެއަށް އިންގިލާބީ ބޮޑު ބަދަލެއް ގެނުވާނެ ހުވަދު އަތޮޅުގެ އާރް.ޓީ.އެލް ސްޕީޑް ފެރީގެ ހިދުމަތް ރަސްމީގޮތުން ފެށުން ފާހަގަ ކުރައްވައިފިއެވެ.

އާރް.ޓީ.އެލްގެ ހިދުމަތް ފެށުން ރަސްމީގޮތުން ފާހަގަކުރެއްވުމަށް "ހުވަދު އަތޮޅު ގުޅާލުން" މިނަމުގައި، ގދ. ތިނަދޫ ބަނދަރު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިދިޔަ މަހު އާރް.ޓީ.އެލްގެ ފެރީގެ ހިދުމަތް ހުވަދު އަތޮޅުގައި ފަށާފައިވާއިރު، 20 ޖުލައި 2023 އިން 26 ޖުލައި 2023 އަށް އާރް.ޓީ.އެލްގެ ހިދުމަތަށް މީހުން އަހުލުވެރިކުރުމަށްޓަކައި އެމުއްދަތުގައި ހިދުމަތް ދީފައި ވަނީ ހިލެއެވެ.އަދި އުމުރުން ތިން އަހަރު ނުވާ ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކަށާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އާރް.ޓީ.އެލް ފެރީ މެދުވެރިކޮށް ހިލޭ ދަތުރުފަތުރު ކުރެވޭނެ އެވެ.

މީގެ ކުރިން އެއަތޮޅުގެ މަރުކަޒީ ރަށް ގދ. ތިނަދޫއަށް ހިދުމަތްތައް ހޯދުމަށް ބައެއް ރަށްރަށުން ފަސް ގަޑިއިރަށްވުރެ ދިގު ދަތުރެއްކުރަން ޖެހިފައި އޮތުމަކީ، ވިޔަފާރިއާއި އިޖުތިމާއީ ގުޅުންތަކަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. ނަމަވެސް އާރް.ޓީ.އެލްގެ ހިދުމަތާއި އެކު ދަތުރަށް ހޭދަކުރަންޖެހޭ ވަގުތު އެތައްގުނައެއް ކުޑަވެގެން ދިޔުމާއި އެކު ވިޔަފާރިއާ އިޖުތިމާއީ ގުޅުންތައް ބަދަހިވެ އިންގިލާބީ ބޮޑު ބަދަލެއް ފެނިގެންދާނެއެވެ. މިބޮޑު ބަދަލާއި ފަސޭހައާ، ހުވަދު އަތޮޅުގެ ރަށްތައް އަމުނައި ގަތައި ގުޅާލެވިގެންދާ އާރް.ޓީއެލް. ފެރީގެ ހިދުމަތް ރަސްމީގޮތުން ފެށުން ފާހަގަކުރުމުގެ ގޮތުން ހުވަދުގެ އަރޮޅުގެ ކޮންމެ ރަށަކުން ފަރިވަޅެއްވެސް ވަނީ އަރުވާފައެވެ.

އާރް.ޓީ.އެލް ހައި-ސްޕީޑް ފެރީގެ ހިދުމަތުން މުޅިރާއްޖެ ގުޅާލުމަކީ، ރައީސްގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭކަމެކެވެ. ރާއްޖެ ހަ ޒޯނަކަށް ބަހާލައި، ފިޔަވަހިތަކަކަށް ބަހާލައިގެން އާރް.ޓީ.އެލްގެ ހިދުމަތް ފުޅާކުރަމުންދާއިރު، "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ ދަށުން މިހާތަނަށް، ޒޯން އެކެއްގައި ހިމެނޭ، ހއ.، ހދ.، އަދި ށ. އަތޮޅުގަޔާއި، ޒޯން ދޭގައި ހިމެނޭ، ޅ. އަތޮޅުގަޔާ އަދި ޒޯން ހައެއްގައި ހިމެނޭ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި، އާރް.ޓީ.އެލްގެ ހިދުމަތް ވަނީ ފަށާފައެވެ. އާރް.ޓީ.އެލްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެވެ.

އާރް.ޓީ.އެލް ހައި-ސްޕީޑް ފެރީގެ ހިދުމަތް މުޅިރާއްޖޭގައި ފެށިގެންދާއިރު، ރާއްޖޭގެ 188 ރަށުގައި ފެރީ ޓަރމިނަލްތައް ގާއިމްކޮށް މުޅި ރާއްޖޭގައި ހިދުމަތް ދިނުމަށް 82 ހައި-ސްޕީޑް ފެރީ އުޅަނދެއް ދަތުރުތަކުގައި ބޭނުންކުރާނެއެވެ.