ހުޅުމާލެއާ މާލޭއާއި ދެމެދު ދެމުން އަންނަ ބަހުގެ ހިދުމަތް މިރެއިން ފެށިގެން 24 ގަޑިއިރަށް ބަދަލުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެމްޓީސީސީގެ ވެސްޓު ޕާކް ރޫޓުތަކުގެ ބަހުގެ ހިދުމަތް މިރެއިން ފެށިގެން 24 ގަޑިއިރު ދޭން ނިންމާފައިވާކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެކުންފުނިން ހުޅުމާލެއާ މާލެއާއި ދެމެދު ދެމުން އަންނަ ބަހުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށް ނިންމީ އެކި އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ދަންވަރު ޑިއުޓީ ނިމޭ މުވައްޒަފުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުންކަމަށެވެ.އެގޮތުން ދަންވަރު 12:30 އިން ފެށިގެން ފަތިހު 5:30 އަށް ކޮންމެ އެއް ގަޑިއިރަކުން ދަތުރުތައް ބާއްވަމުން ދާނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން ވިދާޅުވީ ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމާއެކު ކޮންމެ ފަހަރަކު ބޮޑު އަގުދީގެން ޓެކްސީގައި ދަތުރުކުރާ މީހުންނަށްވެސް ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި މިހާރު މިގޮތަށް ނިންމިނަމަވެސް ކުރިއަށް އޮތްތަނުގައި ރައްޔިތުން ބޭނުންވާނަމަ ދަންވަރު ބަހުގެ ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެންނާނެކަމަށް އާޒިމް ވިދާޅުވިއެވެ.