ރައީސް އަލީ ބޮންގޯ ގޭގައި ހައްޔަރުކޮށް ގެބޯން ސިފައިން އެގައުމުގައި ބަޣާވާތްކޮށް ވެރިކަން މިރޭ ފުރޮޅާލައިފިއެވެ.

2.3 މިލިޔަނެއްހައި މީހުން ދިރިއުޅޭ ގެބޯންއަށް ބަޣާވާތެއް ގެނެސް ވެރިކަމުން ބޮންގޯ ދުރުކުރިކަން ސިފައިން އިއުލާން ކުރީ ގައުމީ ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައެވެ. ސިފައިންގެ ބަޔާނުގައި ބުނީ ދާދިފަހުން އެގައުމުގައި ބޭއްވި އިންތިހާބު ކެންސަލް ކޮށްފައިވާ ކަމަށާއި އަދި ގައުމުގެ ބޯޑަރުތައް މިވަގުތަށް ބަންދު ކޮށްފައިވާ ކަމަށެވެ.

ސިފައިންގެ ބަޔާނުގައި އިތުރަށް ބުނީ ބޮންގޯގެ އާއިލާއިން ބައިގަރުނު ވަންދެން ކުރި ވެރިކަން ނިމުމަކަށް ގެނައުމަށް ތެދުވި ސިފައިންނަކީ ބަތަލުން ކަމުގައެވެ. ބަޣާވާތުގައި އިސްކޮށް އުޅުނު އޮފިސަރެއް ކަމުގައިވާ ބްރައިސް އޮލިގޫ ގުއެމާ ފްރާންސްގެ ޓީވީ ޗެނެލަކަށް ދިން ބަސްދީ ގަތުމެއްގައި ބުނީ މިހާރު މަސައްކަތް ކުރަމުން ދަނީ ގައުމަށް ލީޑަރަކު އައްޔަން ކުރުމުގެ މަސައްކަތް ކަމަށެވެ.

ގެބޯން ސިފައިން އެގައުމަށް ގެނައި ބަޣާވާތަކީ 2020 ވަނަ އަހަރުގެ ފަހުން އެފްރިކާ ބައްރަށް ގެނައި 8 ވަނަ ބަޣާވާތެވެ. އެފްރިކާއަށް ނިސްބަތްވާ ނައިޖާ ސިފައިން ވެރިކަމާ ދެކޮޅަށް ނިކުމެ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު އެގައުމުގައި ވަނީ ބަޣާވާތް ކޮށްފައެވެ.

އެފްރިކާގެ މަޝްރަހުުގެ ދިރާސާ ކުރާ ބައެއް މުހައްލިލުން ބުނާ ގޮތުގައި އެފްރިކާގެ ގިނަ ގައުމުތަކަށް ގެންނަމުންދާ ބަޣާވާތްތަކުގެ ފަހަތުގައި އޮތީ ފްރާންސްގެ ނުފޫޒުން އެގައުމުތައް ސަލާމަތް ކުރުމުގެ ރޫހެކެވެ. އަދި ބަޣާވާތްތަކުގެ ފަހަތުގައި ރަޝިޔާގެ ދައުރު އޮތް ކަމަށްވެސް މުހައްލިލުން ބުނެއެވެ.