ގދ ތިނަދޫގައި މިސަރުކާރުން އިމާރާތްކުރި ޒަމާނީ އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު އިއްޔެ ހުޅުއްވައި ދެއްވައިފިއެވެ.

ތިނަދޫ އައު އިންޖީނުގެ ރައީސް ހުޅުއްވައިދެއްވީ އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އެމަނިކުފާނު މިހާރު ތިނަދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދް މީގެ ކުރިން ވިދާޅުވެފައިވަނީ މިސަރުކާރުން ތިނަދޫގައި ތަރައްގީކޮށްފައިވާ ސަރަހައްދީ އިންޖީނުގެއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ޒަމާނީ އަދި އެންމެ ބޮޑު އިންޖީނުގެއަށް ވެގެންދާނެ ކަމަށެވެ. އަދި އިންޖީނުގެގޭ މަސައްކަތް އެންމެ ހިންހަމަޖެހޭ ސްޕީޑުގައި ކުރިއަށް ނުދިޔަ ނަމަވެސް ދާދި އަވަހަށް އެތަނުން ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު އެތަނުން ހިދުމަތްދޭން ފެށޭނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށްވެސް ސައީދް ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދް ވިދާޅުވީ ހަމަ މާލޭގައި އިންޖީނުގެ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް ކުރެވޭ އިހުސާސް ހަމަ ތިނަދޫގެ އިންޖީނުގެ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ކުރެވޭނެ ކަމަށާއި އިންޖީނުގެއިން ބޭރަށް އަޑު ނުހުންނާނެ ކަމަށެވެ. އެގޮތުން މި އިންޖީނުގެ ހެދުމަށްވެސް ބޭނުންކޮށްފައިވާނީ ރަނގަޅު މޮޅު މެޓީރިއަލްއެއްކަންވެސް އޭނާ ފަހަގަކުރެއްވި އެވެ.

ސަރުކާރުން ގދ.ތިނަދޫގެ އައު އިންޖީނުގޭގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައިވަނީ ތިނަދޫގައި ހުރި އިންޖީނުގެ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. އަދި އޭގެ ފަހުން މިއަދާއި ހަމައަށްވެސް ތިނަދޫއަށް ކަރަންޓުގެ ޚިދުމަތްދެމުންގެންދިޔައީ އިންޖީނުގެ ސަރަޙައްދުގެ މަގުމަތީގައި ހިޔާކޮށްގެން ހަދާފައިވާ ވަގުތީ ތަނެއްގައެވެ.